އެމެރިކާ އާއި އިންޑިއާ އިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށް، ޕާކިސްތާނުގެ ބަލަކިސްތާނުގައިވާ ސްޓްރެޓީޖިކް ގޮތުން މުހިއްމު ގުވަދާރު ބަނދަރު ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ޗައިނާގެ ޗައިނާ އޯވާސީސް ޕޯޓް ހޯލްޑިންގް ކޮމްޕެނީ (ސީއޯޕީއެޗްސީ)އާ ހަވާލުކޮށްފި އެވެ.

އެތައް ބިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުރި މިމަޝްރޫއުގެ ދަށުން ބަނދަރު އޮޕަރޭޓްކޮށް ތަރައްގީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ޕާކިސްތާނުން ފަށާފައި ވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރު ބީލަމަށް ހުޅުވާލުމުން ކުރިމަތިލާފައި ވަނީ ސީއޯޕީއެޗްސީއާއި ޕޯޓް އޮފް ސިންގަޕޯ އޮތޯރޮޓީ (ޕީއެސްއޭ) އެވެ.

އެމެރިކާ އިން ޝަކުވާކުރުމާ ގުޅިގެން، އޭރު ޕާކިސްތާނުގެ ރައީސްގެ މަގާމުގައި ހުންނެވި ޕަރުވޭޒް މުޝައްރަފު ނިންމެވީ ބަނދަރު އޮޕަރޭޓްކުރުމުގެ ހުއްދަ ސިންގަޕޫރުގެ ކުންފުންޏާ ހަވާލުކުރުމަށެވެ.

ޕީއެސްއޭ އިން ގުވަދާރު ބަނދަރު ތަރައްގީކުރުމަށް ފަސް އަހަރު ދުވަހުގެ ތެރޭގައި 525 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އެއްބަސްވެފައިވާ ނަމަވެސް، 2010 ވަނަ އަހަރު އައި އިރު ވެސް، ބަނދަރު ތަރައްގީކުރުމަށް ޕީއެސްއޭ އިން އެއްވެސް އިންވެސްޓްމަންޓެއް ކޮށްފައި ނުވުމުން ޕާކިސްތާނުގެ ސަރުކާރާއި، ސިންގަޕޫރުގެ ޕީއެސްއޭއާ ދެމެދު ޖެހުނު މައްސަލާގައި ޕާކިސްތާނުން ވަނީ ޕީއެސްއޭގެ ކޮންޓްރެކްޓް އުވާލާފަ އެވެ.

ޕީއެސްއޭގެ އެއްބަސްވުން އުވާލުމުން ޗައިނާގެ ސީއޯސީއެޗްޕީސީ އިން ވަނީ ގުވަދާރު ބަނދަރު އޮޕަރޭޓްކުރަން ހަވާލުކޮށްފި ނަމަ، އާގުބޯޓަށް ގާތް ކުރެވޭ އިތުރު 20 ފާލަން ހެދުމަށް ހުށަހަޅާފަ އެވެ.

ޕާކިސްތާނާއި ސީއޯސީއެޗްޕީސީ އިން ބަނދަރު އޮޕަރޭޓްކުރުމުގެ 40 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވިދާޅުވީ މިއީ ޕާކިސްތާނާއި ޗައިނާގެ ގުޅުމަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.

އެމެރިކާ އިން ވަނީ މީގެ ކުރިން ޗައިނާއިން ޕާކިސްތާނާއި، އޭޝިޔާގެ އެހެން ގައުމުތަކާ އެކު ގުޅުން ބަދަހިކުރަމުންދާތީ ވެ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިމަހުގެ ހަ ވަނަ ދުވަހު އިންޑިއާގެ ޑިފެންސް މިނިސްޓާ އޭކޭ އެންތަނީ ވިދާޅުވީ ގުވަދާރު ބަނދަރު އޮޕަރޭޓްކުރުމަށް ޗައިނާއާ ހަވާލުކުރުމަކީ އިންޑިއާއިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ގުވަދާރު ބަނދަރަކީ އަރަބި ކަނޑާ ދިމާވާ ގޮތައް އޮންނަ، އޭޝިޔާގެ ގައުމުތަކަށް ސްޓްރެޓީޖިކް ގޮތުން މުހިއްމު ބަނދަރެއް ކަމަށް ތަޖުރިބާކާރުން ބުނާ އިރު، މިބަނދަރު މެދުވެރިކޮށް ޗައިނާގެ ބަނދަރުތަކަށް ޕާކިސްތާނުގެ ހުޅަނގުން މުދާ ގެންނަ ބޯޓުތައް ގުޅާލެވިގެންދާނެ ކަމަށް ޕާކިސްތާނުން ބުނެ އެވެ.