އާސަންދަ ހެލްތު ސްކީމްގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ އާ ކަސްޓަމާ ސާވިސަސް އޮފީހެއް މިއަދު ހުޅުވައިފި އެވެ.

ސަރުކާރުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ހިލޭ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ އަލަށް ހުޅުވި އޮފީސް އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިން ވަނަ ފަންގިފިލާގައި މިއަދު ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު ޑރ. އަހްމަދު ޖަމްޝީދު މުހައްމަދު އެވެ. އަދި އެ ރަސްމިއްޔާތުގައި އެންސްޕާގެ ޗެއާމަން ތޯރިގު އަލީ ލުތުފީ އާއި އެންސްޕާގެ ސީނިއާ މުވައްޒަފުންނާއި އާސަންދަ ބޯޑުގެ މެންބަރުންގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ ބޯޑް މެންބަރުންނާއި ބައެއް ވެރިން ބައިވެރިވެ ވަޑައިގަތެވެ.

އާސަންދަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޖަމްޝީދު ވިދާޅުވީ މިއަދު އަލަށް ހުޅުވި އޮފީހުގެ ސަބަބުން އާންމުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބޭނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ. އަދި އާސަންދައިން ދެމުން ގެން އަންނަ ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެކުންފުނިން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ހިދުމަތް ދުވަހެއް ދުވަހަކަށް ރަނގަޅުކުރުމަށް ފަސޭހަކުރުމަށް އަދި، ރައްޔިތުންނަށް ކަންތައްތައް ލުއިކުރުމަށް، ރައްޔިތުންނަށް ކަންތައްތައް އޮޅުންފިލުވައި ދިނުމަށް، ހިދުމަތް ފަސޭހައިން ލިބިގަތުމަށް އަދި ރައްޔިތުންނަށް އެމީހުންގެ އެ އިންޝުއަރެންސް ޕެކޭޖްތެރޭގައި ހިމެނޭ އެކިއެކި ކެޓަގަރީ ތަކުގައި ބާކީ ކިހާވަރެއް އެވެއިލަބަލްތޯ ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކަންތައްތައް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަވާ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ޖަމްޝީދު ވިދާޅުވީ އަހަރެއްގެ ތެރޭގައި ޓެލްނޮލޮޖީގެ ގޮތުންނާއި އަދި އެހެން ގޮތްގޮތުން ވެސް އާސަންދައިގެ ނިޒާމަށް އެކުންފުނިން ގެނެސްފައިވާ ބޮޑެތި ބަދަލުތަކަކީ ތައުރީފު ހައްގު ބަދަލުތަކެއް ކަމަށެވެ.

އާސަންދައިން އަލަށް ހުޅުވި އޮފީހުގައި ރާއްޖެ އިން ބޭރުން އާސަންދަ ހިދުމަތް ބޭނުން ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމާއި މެޑިކަލް އިވެކުއޭޝަންގެ މައްސައްކަތްތަކާއި އަދި އާސަންދަ ހެލްތު ސްކީމުން ބޭސްފަރުވާ ހޯދަންދާ ފަރާތުގެ އިންޝުއަރެންސްގެ ބާކީހުރިވަރު ބަލައި ދިނުމުގެ ހިދުމަތް ކުރިއަށްވުރެ ފުރިހަމައަށް ފޯރުކޮށްދޭނޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. އަދި ކުރިން ވެސް ކަސްޓަމަރުންނަށް ދެމުން ގެންދިޔަ 24 ގަޑިއިރުގެ ކޯލްސެންޓަރުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ބުންޏެވެ.