ފާއިތުވެދިޔަ ފަނަރަ މަސްދުވަހަށް ބަލާއިރު، ޕްރެމިއާ ލީގުގެ އެންމެ މޮޅު ކޯޗަކީ މެންޗެސްޓާ ސިޓީގެ ކޯޗް ރޮބާޓޯ މަންޗިނީ ކަމަށް އޭނާ ބުނެފި އެވެ.

މެންޗެސްޓާ ސިޓީގެ ކޯޗުކަމާއި ހަވާލުވުމަށްފަހު، އެކްލަބަށް މަންޗިނީ ހޯދައިދިން އެންމެ ފުރަތަމަ ކާމިޔާބަކީ 2010-11 ވަނަ ސީޒަނުގެ އެފްއޭ ކަޕެވެ. އަދި އެއަށްފަހު، އޭނާ ވަނީ ސިޓީ އަށް މިދިޔަ ސީޒަންގައި ގިނަ ބަޔަކު ނުލިބޭނެ ކަމަށް ބުނި ޕްރެމިއާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. މިސީޒަންގައި މަންޗިނީ އަށް ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮތްއިރު، ސިޓީއަށް ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ޔުނައިޓެޑް ވައްޓާލެވިދާނެ ކަމުގެ އުންމީދެއް ވެސް ނެތެވެ.

މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޮތް ގްރޫޕްގެ ފުލުގައި އޮވެ ނިންމާލަން ޖެހުނު ސިޓީގެ ކޯޗް މަންޗިނީ އަކީ ޕްރެމިއާ ލީގުގެ އެންމެ މޮޅު ކޯޗުކަމަށްވުމާއެކު، އޭނާ އަށް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެއް ނެތްކަމަށް މަންޗިނީ ބުނެފައި ވެއެވެ.

"ނިމިގެންދިޔަ ފަނަރަ މަސްދުވަހު ތެރޭ އަހަރެން ހޯދި ކާމިޔާބު އިނގިރޭސިވިލާތުގެ ކްލަބުތަކުގެ ކޯޗުންތަކަށް ހޯދިފައެއް ނެތް. އެހެންވުމާއެކު އަހަރެންނަކީ އިނގިރޭސިވިލާތުގައި ހުރި އެންމެ މޮޅު ކޯޗު. އަހަރެން ވާނީ ޕްރެމިއާ ލީގު ތައްޓަކާއި، އެފްއޭ ކަޕަކާއި، ޗެރިޓީ ޝީލްޑެއް ވެސް ސިޓީއަށް ހޯދައިދީފަ،" މަންޗިނީ ބުންޏެވެ.

މަންޗިނީ އިތުރަށް ބުނިގޮތުގައި، އޭނާގެ ވަޒީފާ ގެއްލިދާނެ ކަމަށް މީހުން އަބަދުވެސް ބުނަމުންދާ ކަމަށާއި އެކަން އަދިވެސް ނުފެންނަ ކަމަށެވެ. "ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސިޓީގެ ކޯޗު ބަދަލުވާނެކަމުގެ ވާހަކަތައް މީހުން ދައްކަމުންދިޔަ. އެމީހުން ބުނި ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗުކަމަށް ގެންނާނެއޭ. އަދި މިހާރު ބަޔާން މިއުނިކާއި ގާޑިއޯލާ ހަވާލުވުމުން ކޮންމެވެސް އެހެން ކޯޗެއް ގެންނާނެކަމަށް ވެސް ބުނާނެ،" މަންޗިނީ ބުންޏެވެ.

ގިނަ ހަރަދުތަކެއް ކުރަމުންދާ މުއްސަނދި ކްލަބެއްގެ ގޮތުގައި ފާހަގަކުރެވޭ ސިޓީގެ ކޯޗުކަމާއި މަންޗިނީ ހަވާލުވީ 2009 ވަނަ އަހަރުގެ ޑިސެމްބަރުމަހު އެވެ. އެންމެ ފަހުން ސިޓީ އަށް މަންޗިނީ ހޯދައިދެވުނީ މިދިޔަ އަހަރުގެ ކޮމިއުނިޓީ ޝީލްޑް ޓްރޮފީ އެވެ.