19 Feb 2013, 10:17
ޕްރެމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ސްވަންސޭ އާއި ދެކޮޅަށް ކުޅެ 5-0 ލަނޑުން ލިވަޕޫލް މޮޅުވި މެޗުން ޔޫރޮޕާ ލީގުގައި ޒެނިތު ސެއިންޓް ޕީޓަސްބާގް އާއި ދެކޮޅަށް ކުޅޭ މެޗަށް ހިތްވަރު ލިބިފައިވާ ކަމަށް ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ލޭވާ ބުނެފި އެވެ.
ފަހަކަށް އައިސް ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެއެވެ. އެގޮތުން ސްވަންސޭ އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވެސްޓް ބްރޮމް އަދި ޔޫރޮޕާ ލީގުގެ ފުރަތަމަ ލެގުގައި ޒެނިތު އާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ނަމަވެސް ސްވަންސޭ އާއި ދެކޮޅަށް ނެރުނު ނަތީޖާއިން ލިވަޕޫލްއަށް އަރައިގަނެވިދާނެ ކަމަށް ލޫކަސް ގަބޫލުކުރެ އެވެ.
"އަހަރެމެން މި ހަފްތާ ފެށީ ރަނގަޅު ހަފްތާއެއްގެ ގޮތުގައި. ނަމަވެސް އަހަރެމެން ވަނީ ވެސްޓް ބްރޮމް އަތުން ބަލިވެ އަދި ޔޫރޮޕާ ލީގުގައި ވެސް ބަލިވެފައި. އަހަރެމެންގެ ކުޅުން އަދިވެސް އިތުރަށް ރަނގަޅު ކުރަން ޖެހޭކަން އަހަރެމެންނަށް އެނގޭ. ސްވަންސޭ އާއި ދެކޮޅަށް ކުޅުނު ނަތީޖާގެ ސަބަބުން ޒެނިތް އާއި ދެކޮޅަށް ކުޅޭ ދެވަނަ ލެގު މެޗުގައި އަހަރެމެންނަށް ހިތްވަރު ލިބިއްޖެ،" ލޫކަސް ބުންޏެވެ.
މިސީޒަނުގައި ލޫކަސް އަށް ކުރިމަތިލާން ޖެހުނު އަނިޔާއިން ދާދި ފަހުން އޭނާ ވަނީ ސަލާމަތްވެފަ އެވެ. މިސީޒަނުގައި ދަށް ނަތީޖާތަކެއް ލިވަޕޫލްއަށް ލިބެމުންދިޔަ ނަމަވެސް ކުރިއަށް އޮތްތާނގައި އެކްލަބަށް ރަނގަޅު ކުޅުމެއް ދެއްކިދާނެ ކަމަށް ލޫކަސް ބުނެފައި ވެއެވެ.
"މިއީ ބަޔާން ކުރަން ވަރަށް އުނދަގޫ ކަމެއް. އަހަރެމެންނަށް އަދިވެސް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ. ނަމަވެސް އެރަނގަޅު ނަތީޖާތައް ނެރެވޭނީ ހުރިހާ ކުޅުންތެރިން އެއް ރޫހެއްގައި، މޮޅުވުމުގެ އަޒުމުގައި ކުޅެން ނުކުމެގެން. އަހަރެމެން ލަލީގާގައި އޮތީ ހަތް ވަނާގައި. ނަމަވެސް އަހަރެމެން ރަނގަޅަށް މަސައްކަތްކޮށްފިނަމަ، ރަނގަޅު ގޮތެއްވެސް ވެދާނެ،" ލޫކަސް ބުންޏެވެ.
ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޒެނިތް އާއި ދެކޮޅަށް ލިވަޕޫލް ނުކުންނަން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މިވަގުތު ޕްރެމިއާ ލީގުގެ ހަތް ވަނާގައި އޮތް ލިވަޕޫލް މިސީޒަނުގައި ކުޅުނު 27 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ކުޅުނު 27 މެޗުގެ ތެރެއިން ދިހަ މެޗުން މޮޅުވެފައިވާއިރު، އަށް މެޗު ނިންމާލަން ޖެހުނީ ބައްޔަކާއެކު އެވެ. އަދި ނުވަ މެޗުން ލިވަޕޫލް ވަނީ އެއްވަރުވެފަ އެވެ.