19 Feb 2013, 10:14
އެތްލެޓިކޯ މެޑްރިޑްގެ ހުނަރުވެރި ފޯވާޑް ރަޑަމެލް ފަލްކާއޯ އާއި ޕޯޓޯގެ ފޯވާޑް ޖެކްސަން މާޓިނޭޒް އާއި އަޅުވާ ނުކިޔުމަށް މާޓިނޭޒް ގޮވާލައިފި އެވެ.
އުމުރުން 26 އަހަރުގެ ފޯވާޑް މާޓިނޭޒް ޕޯޓާއާއި ގުޅުނީ މިސީޒަނުގަ އެވެ. ފަލްކާއޯ އަކީ ކުރިން ޕޯޓޯގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ. ފަލްކާއޯ އާއި މާޓިނޭޒް އަކީ ކޮލަމްބިއާ އަށް ނިސްބަތްވާ ދެކުޅުންތެރިންނެވެ. ފަލްކާއޯ އާއި މާޓިނޭޒްގެ ކުޅުން އެއްގޮތް ކަމުގައި ގިނަބަޔަކު ބުނަމުންދާއިރު، މާޓިނޭޒް އެކަމަށް ވަނީ އިންކާރުކޮށްފަ އެވެ.
"ފުރަތަމަ ކަމަކަށް، އަހަރެމެން ބޭނުމެން ނޫން އެގޮތަށް ގޮތްކިޔާކަށް. އެއީ ކޮންމެ ކުޅުންތެރިއެއް ވެސް ގެންގުޅޭނީ ތަފާތު ކުޅުމެއް. މިކްލަބުގެ ތާރީހުގައި ފަލްކާއޯ ވަނީ އޭނާގެ ނަން ލިޔެފައި. އަހަރެން އަދި ކިރިޔާ މި ފަށައިގަތީ. ބައެއް ފަހަރު މީހުން އަހަރެންނާއި ފަލްކާއޯގެ ކުޅުންތެރިން އެއްގޮތް ކަމަށް ބުނެފާނެ. އެކަމަކު އެއީ ތެދެއް ނޫން." މާޓިނޭޒް ބުންޏެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިރޭ މަލާގާ އާއި ދެކޮޅަށް ޕޯޓޯ އިން ނުކުންނަ އިރު، މެޗުން މޮޅުވެގެން ދަނޑު ފައިބަން އުންމީދުކުރާ ކަމަށް މާޓިނޭޒް ބުނެފައި ވެއެވެ. "އަހަރެން ދެކޭގޮތުގައި، އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން. އަހަރެމެން މަސައްކަތްކުރާނަން. އަހަރެން ގަބޫލުކުރަނީ ޕޯޓޯގައި ރަނގަޅު ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެއް އެކުލެވޭކަމަށް. އެހެންކަމުން ނުކުންނާނީ މެޗުން މޮޅުވުމުގެ އުންމީދުގައި." މާޓިނޭޒް ބުންޏެވެ.
މަލާގާ އާއި ދެކޮޅަށް މިރޭ 12:45 ގައި ނުކުންނާނީ ޕޯޓޯގެ އަމިއްލަ ދަނޑުގަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕޯޓޯއާއި މަލާގާ ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗެވެ.