އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރީޑިންގް އަތުން 2-1 ލަނޑުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފަ އެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފްގައި ވެސް ލަނޑު ޖަހަން އެންމެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައީ ޔުނައިޓެޑަށެވެ. ޔުނައިޓެޑްގެ ޑެނީ ވެލްބެކް އަދި ފިލް ޖޯން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ޖޯންސް އަށް އަނިޔާވުމާއި ގުޅިގެން އެޓީމަށް ބަދަލެއް ގެންނަން ޖެހުނެވެ.

ޔުނައިޓެޑުން މެޗުގެ ދެވަނަ ހާފް ފަށައިގަތީ ވަރުގަދަ ކުޅުމަކާއެކު އެވެ. ނަތީޖާއެއްގެ ގޮތުން ޔުނައިޓެޑަށް ގިނަ ފުރުސަތުތަކެއް ލިބި، ރީޑީންގްގެ ގޯލްކީޕަރު އެޑަމް ފެޑެރިކީ އަށް އެހަމަލާތައް ދިފާޢުކުރަން މަޖުބޫރުވެގެން ދިޔައެވެ. މެޗުގައި ރީޑިންގްގެ ގޯލް ޔުނައިޓެޑަށް ހުޅުވައިދިނީ ޖޯންސްގެ ބަދަލުގައި ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ކުޅެން ނުކުތް ނާނި އެވެ. ނާނި މިލަނޑު ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނެޓްގަ އެވެ.

ނާނިގެ ލަނޑުން ޔުނައިޓެޑަށް ލީޑެއް ލިބުނު ނަމަވެސް، އެޓީމްގެ ކުޅުމަށް ބަދަލެއް ނާދެއެވެ. ނަތީޖާއެއްގެ ގޮތުން ޔުނައިޓެޑުން އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑް ފުޅާކުރިއެވެ. މެޗުގެ 72 ވަނަ މިނެޓްގައި ޔުނައިޓެޑަށް މިލަނޑު ކާމިޔާބުކޮށްދިނީ ހާވިއާ ހެނާންޑޭޒް އެވެ. ޔުނައިޓެޑުން ދެއްކި މޮޅު ކުޅުމަށް ހުރަސްއެޅުމަށް ރީޑިންގް އިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އޭގެ ނަތީޖާ ރީޑިންގް އަށް ނެރެވުނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ޖޮބި މެކްއެނަފްގެ ލަނޑުންނެވެ.

މެޗުގައި މޮޅު ކުޅުމެއް ދައްކާ 2-1 ލަނޑުން ޔުނައިޓެޑް މޮޅުވި ނަމަވެސް، އެޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށްވީ ޖޯންސް އަށް އަނިޔާވުމެވެ. ޖޯންސް އަކީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިފެހެއްޓުމަށް އެންމެ ބުރަ މަސައްކަތްކުރި އެއް ކުޅުންތެރިޔާ އެވެ.