19 Feb 2013, 09:35
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅޭ ފަސް މީހަކު ހޯދުމަށް އެ މީހުންގެ ވީޑިއޯއެއް ފުލުހުން އާންމުކޮށްފި އެވެ.
http://www.youtube.com/watch?v=sA3UtrgiCvA
އެ ވީޑިއޯ އަކީ ގާތްގަނޑަކަށް ދޮޅު މިނިޓުގެ ވީޑިއޯ އެކެވެ. އެ ވީޑިއޯ އެންމެ ފުރަތަ ފެށޭ އިރު ފެންނަނީ މެދުޒިޔާރަތްމަގުން މަޖީދިއްޔާ ކައިރީ ތިބި ފުލުހުންނާއި ދިމާލަށް ސޯސަންމަގުން މަޖީދިއްޔާ ކަންމަތީ ތިބި ބަޔަކު ގާ އުކާ ތަނެވެ. އަދި އެ ތަނުން ކަޅު ކުލައިގެ ޓީ ޝާޓެއް ލައިގެން ހުރި މީހަކު ގޮސް ފުލުހުންގެ ބެރިކޭޑެއް އެއްލާލާ ތަން ވެސް ފެނެ އެވެ.
އެ މީހުންގެ ތެރެއިން އެންމެ ކުރީގައި ހުރި މީހާގެ ކަރުގައި އެމްޑީޕީގެ ދިދަ އެއް އެލުވާފައި އޮންނަ ތަން ފެނެ އެވެ. އެ މީހުން ކޮންމެ ފަހަރަކު ވެސް ފުލުހުންނާއި ދިމާލަށް އެއްޗެއް އެއްލުމަށް ފަހު ދުވެފައި އައިސް ވަންނަނީ ސޯސަން މަގަށެވެ. ގާ އުކާ މީހުން ވަކިން ބޮޅު އަޅާ ދައްކާފައި އެ ވީޑިއޯގައި ހުރެ އެވެ. ދެން ފެންނަނީ ހަމަ އެ މީހުން އެމްޑީޕީގެ ހިންގާލުމުގެ ތެރޭގައި ހަރަކާތް ތެރިވާ މަންޒަރެވެ.
ފުލުހުން ބުނީ އެ ފަސް މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރާ މީހަކަށް ދޭން ޖެހޭ ފުރިހަމަ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ. އަދި އެފަދަ މީހުން ހޯދުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް މިހާރު ވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.
"ވީމާ މި ފަސް މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ. މި ފަސް މީހުންނާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.