ނިއުޔޯކް (ފެބްރުއަރީ 19): ސޫރިޔާގައި އިންސާނިއްޔަތާ ޚިލާފު ވަރަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް އދ. ން ބުނެފި އެވެ.

ސޫރިޔާގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ބަލައި ތަޙުގީގު ކުރާ އދ.ގެ ޚާއްސަ ކޮމިޓީން އިއްޔެ ނެރުނު ރިޕޯޓެއްގައިވާ ގޮތުން ފާއިތުވި ދެ އަހަރު ތެރޭގައި ސޫރިޔާގައި ވަނީ ރައްޔިތުންނަށް ބިރުދެއްކުމާއި ގިނަ ބަޔަކަށް ޖިސްމާނީ އަނިޔާތައް ދިނުމާއި ޝަރީޢަތަކާނުލައި ބަޑިޖަހައި މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތަކެއް ހިންގާފަ އެވެ. މިއީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބެލެވޭ ކަމަށާއި އިންސާނިއްޔަތާ ޚިލާފު މިޢަމަލުތަކުގައި ސޫރިޔާގެ ސަލާމަތީ ބާރުތަކުން އިސްދައުރެއް އަދާކޮށްފައިވީ ނަމަވެސް އިދިކޮޅު ހަނގުރާމަވެރިން ވެސް މިޖަރީމާތައް ހިންގުމުގައި ފުޅާދާއިރާއެއްގައި ބައިވެރިވެފައިވާ ކަމަށް އދ.ގެ ޚާއްސަ ކޮމިޓީގެ މު ރިޕޯޓް ބުނެ އެވެ.

ސޫރިޔާގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤްކުރި އދ.ގެ ކޮމިޓީގެ މެންބަރެއް ކަމަށްވާ ޑިލް ބޯންޓީ ވިދާޅުވީ ސޫރިޔާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ބަލަން ޖެހޭނެ ކަމުގަ އެވެ. މި ޖަރީމާތަކުގައި ޝާމިލްވާ ސޫރިޔާގެ މަސްއޫލުވެރިންނާ އިދިކޮޅު ހަނގުރާމަވެރިންގެ ލިސްޓެއް ތައްޔާރުކޮށްފައިވާނެ ކަމަށް ވެސް ބޯންޓީ ވިދާޅުވި އެވެ. ސޫރިޔާއަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މުޢާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވާތީ ސޫރިޔާގައި ހިންގާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލަ ސީދާގޮތެއްގައި އެކޯޓަކަށް ހުށައެއް ނޭޅޭނެ އެވެ.

ސޫރިޔާގައި ހިންގާ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅޭނީ މިކަން އދ.ގެ ސަލާމަތީ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކޮށްގެން ސަލާމަތީ މަޖިލިސް މެދުވެރިކޮށެވެ. ސޫރިޔާގެ ޙިމާޔަތުގައި ރަޝިޔާ އޮތުމުން ސޫރިޔާގައި ހިންގާފައިވާ ކަމަށް ބުނެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަތައް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ފާސްވާނެ ކަމަށް ނުބެލެވޭ ކަމަށް މުރާސިލުން ބުނެ އެވެ.

ރަޝިޔާއިންވަނީ މިމައްސަލާގައި ސޫރިޔާގެ ޙިމާޔަތުގައި ވީޓޯ ކުރާނެކަމުގެ އިޝާރާތްތައް ކުރިން ދީފަ އެވެ. (ނޫސްއެޖެންސީތައް)