އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އެޕާޓީން ރޭގައި ކުރި މުޒާހަރާގައި ގިނަ އަދަދެއްގެ ބިއްލޫރި ފުޅި އެ ސަރަހައްދު ބަލަހައްޓާން ތިބި ފުލުހުންނާ ދިމާއަށް އުކައިފި އެވެ.

އެމްޑީޕީން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބިއްލޫރި ފުޅި އުކާފައިވީ ނަމަވެސް އެއްވެސް ފުލުހަކަށް ގެއްލުންވެފައެއް ނުވެ އެވެ.

އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް ނަޝީދުގެ ހިމާޔަތުގެ ނަމުގައި ސުނާމީ ބިނާ ސަރައްދުން ރޭ ވެސް ފެށި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންނާ ދިމާއަށް ބިއްލޫރި ފުޅި އުކާފައި ވަނީ ސޯސަންމަގުގައި ހުންނަ ނާދީ އިމާރަތް ކުރީމަތިގައި މުޒާހަރާ ކުރަމުންދިޔަ ވަގުތުގަ އެވެ.

ސިލްސިލާ ގޮތެއްގައި ކުރަމުން އަންނަ އެމްޑީޕީގެ މުޒާހަރާގައި ރޭ އެންމެ ފުރަތަމަ އެއްވެފައި ވަނީ މަޖިދީމަގުން ގޮސް ފަރީދީމަގާއި ޗާންދަނީމަގާ ގުޅުނު ކަންމައްޗެށެވެ. މުޒާހާރާގެ ބައިވެރިން ވަނީ އެ ސަރަހައްދަށް އެއްވެ މަގު ހުރަސްކުރުން މަނާކުރުމަށް ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑްތައް ފަޅާލާއި ޖުމްހޫރީ މައިދާނަށް ދާން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން އެ ސަރައްހަދުން ފޮނުވާލާފަ އެވެ.

އޭގެ ފަހުގައި މުޒާހަރާ ނިންމާލީ ނާދީ "އިމާރާތް" ކުރިމަތީގައި ދަންވުމާ ހަމައަށް ތިބުމަށް ފަހުގަ އެވެ.

ރޭގެ މުޒާހަރާ ރުޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިނުވާއިރު އާންމުގެ ތެރެއިން ވެސް ހައްޔަރުކުރިތަން ފެނިފައި ވަނީ އެންމެ މީހެކެވެ.

ސިލްސިލާ ގޮތެއްގައި އެމްޑީޕީން ކުރަމުން އަންނަ އެ މުޒާހަރާގައި އާންމުންގެ ތެރެއިން ގަލާއި ބިއްލޫރު ފުޅިއުކަމުންދާ އިރު އޭގެ ސަބަބުން ފުލުހުނަށާއި ނޫސްވެރީނަށް ވެސް ދަނީ އަނިޔާވަމުނެވެ.

ހަމަ އެހެންމެ ބައެއް ފަހަރު މުޒާހަރާތައް ރުޅާލުމުގައި ފުލުހުން "ހާލަތާ ނުބައްދަލު ބާރުގެ ބޭނުން" ކުރަމުންދާ ކަމަށް ރާއްޖޭގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުންވެސް ދާދިފަހުން ނެރުނު ރިޕޯޓެއްގައި ފާހަގަ ކޮށްފައިވެ އެވެ.