19 Feb 2013, 08:44
އިނގިރޭސިވިލާތުގެ ކުންފުނިތަކުން އިންޑިއާގައި އިންވެސްޓްކުރާން ބޭނުންވާ ނަމަވެސް، އިންޑިއާގައި އިންވެސްޓް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރޮން ވިދާޅުވެއްޖެ އެވެ.
މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ކެމަރޮން ވިދާޅުވީ އިންޑިއާގެ އިގުތިސާދު ބޮޑަށް ހުޅުވާލުމަށްޓަކައި އިންޑިއާގެ "އުނދަގޫ" ބިއުރޮކުރެޓިކް ރެޑް ޓޭޕް ނައްތައިލާން ޖެހޭ ކަމަށެވެ.
އިނގިރޭސިވިލާތުގެ ވިޔަފާރި ވަފުދަކާއެކު ކެމަރޮން ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، އިންޑިއާގައި އިނގިރޭސި ކުންފުނިތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ފުޅާ ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
އިންޑިއާގައި އިންވެސްޓްކުރުމަށް އިނގިރޭސިވިލާތުގެ ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ނަމަވެސް، ހެލިކޮޕްޓަރުތަކެއް ގަތުމުގެ ޑީލެއްގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާތީވެ، އެކަމަށް އިޝާރާތް ކުރައްވައި ކެމަރޮން ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި އިންޑިއާއިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
އިންޑިއާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ކެމަރޮން އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި، އިންޑިއާގެ ރައީސް ޕްރަނަބް މުކަރްޖީއާ އެކު މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.