19 Feb 2013, 08:40
ހުސްވިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ކުލަބް ވެލެންސިއާއަށް ކުޅުނު ލައިބީރިއާގެ ފޯވަޑް ޗާލްސް ރައިޓް ގަޔޭއަށް ދޭން ޖެހޭ ދެ މަސް ދުވަހުގެ މުސާރަ އެ ކުލަބުން ދީފައި ނުވާތީ ގައުމަށް ނުދެވި މާލޭގައި އޭނާ ތާށިވެއްޖެ އެވެ.
ވެލެންސިއާއިން ދެ މަސް ދުވަހުގެ ތެރޭގައި ޗާލްސްއަށް 2600 ޑޮލަރު (ސާޅީސް ހާހަށްވުރެ) ގިނަ ދިވެހި ރުފިޔާ ލިބޭންޖެހެއެވެ.
ސަންއޮންލައިނާ ވާހަކަ ދައްކަމުން ޗާލްސް ބުނީ، ވެލެންސިއާއިން ލިބޭންޖެހޭ ދެ މަސް ދުވަހުގެ މުސާރަ ނުލިބި އޮތުމުން، އެފައިސާ ހޯދުމަށް އެކުލަބުގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު (ރާއީ) ކާރީގައި ވެސް އެ ވާހަކަ އެތައް ފަހަރަކު ދެކެވުނު ކަމަށެވެ. އެހެންނަމަވެސް އެފައިސާ ލިބޭނެ ކަމުގެ އެއްވެސް އަލިމަގެއް މިއަދާ ހަމަޔަށް އައި އިރު ވެސް ޗެއާމަންގެ ފަރާތުން ލިބިފައި ނުވާކަމަށް ޗާލްްސް ބުންޏެވެ.
"އަހަރެންނަށް ވެލެންސިއާއިން ލިބެންޖެހޭ 2600 ޑޮޅަރު އޮބޮތް. އެކަމަކު އަދިވެސް އެފައިސާ ނުލިބިގެން މިއުޅެނީ. އެތައްފަހަރަކު ފައިސާ ހޯދަން ވެގެން ކުލަބުގެ ޗެއާމަންއަށްވެސް ގުޅައިފިން. ނުވިތާކަށް ޗެއާމަންގެ ފޯނަށް މެސެޖުވެސް ކޮށްފިން. ޗެއާމަން އަބަދުވެސް ބުނަނީ މާދަން ދޭނަމޭ. އެހެންވެސް ކިޔާތާ އެއްމަސް ވެއްޖެ. އަހަރެން މިހިރީ ފައިސާ ނުލިބޭތީ ގައުމަށް ވެސް ނުދެވިފަ. ވަރަށް ދެރަ އަސްލު ކުލަބުން އަހަންނާ މެދު ކަންތައް އެކުރާގޮތް" ޗާލްސް ބުންޏެވެ.
މިކަމާ ގުޅިގެން ވެލެންސިއާގެ އިސް ބޭފުޅެއްގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އުމުރުން 28 އަހަރުގެ ފޯވާޑް ބުނީ، ވެލެންސިޔާއިން ދޭންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ އެފްއޭއެމްއަށް ވެސް އެމައްސަލަ ތިން ފަހަރެއްގެ މަތިން ހުށަހެޅުނު ކަަމަށެވެ. އެކަމަކު އަދިވެސް އެފްއޭއެމްއިން ވެސް ވަކި ޖަވާބެއް ދީފައި ނުވާކަމަށް ޗާލްސް ބުންޏެވެ
"ކުލަބުން ފައިސާ ނުދީ ލަސްވާތީ އެފްއޭއެމްއަށް އެމައްސަލަ އަހަރެން މިހާރު ތިން ފަހަރު މަތިން ހުށަހަޅައިފިން. އެފްއޭއެމްއިން ވެސް ބުނަނީ އެކަން ބަލާދޭނަމޭ. އެކަމަކުވެސް ފައިސާ ނުލިބި ލަސްވަތީ އަހަރެން މިހިރީ ހަމަ ހަދާނެ ގޮތް ހުސްވެފައި. އެކަމަކު ވަރަށް އަވަހަށް ފީފާއަށް އެމައްސަލަ ހުށަހަޅާނަން. އަހަރެންގެ އާއިލާއިން ވެސް މިހާރު ފީފާއަށް އެމައްސަލަ ހުށަހަޅަން އޮތީ ނިންމާފައި." މީގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށާއި ވީބީ އައްޑޫ އެފްސީއަށް ވެސް ކުޅެފައިވާ ޗާލްސް ބުންޏެވެ.
ނޫހުގައި ނަން ނުޖެއްސުމަށް ޝަރުތުކޮށް، އެފްއޭއެމްގެ އިސް އޮފިސަލަކު ބުނީ، ވެލެންސިއާއިން ޗާލްސްއަށް މުސާރަ ނުދީ އޮތް މައްސަލަ މީގެ އެއް މަސް ކުރިން އޭނާ އެފްއޭއެމްގައި ޖައްސާފައިވާ ކަމަށެވެ. އަދި ދެ ތިން ފަހަރަކު އެފައިސާ ހޯދުމަށް އެފްއޭއެމްއަށް ވެސް ޗާލްސް އައިސްފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.
ޗާލްސް، ދެހާސް ނުވަ ވަނަ އަހަރު މާލެ އައިސް ނިއު ރޭޑިއަންޓުގައި ދެ ސީޒަން ފުރިހަމަ ކުރުމަށްފަހު، ވީބީއާ އޭނަ ގުޅުނީ 2012 ވަނަ އަހަރުގެ ޖެނުއަރީ ގައެވެ. އޭގެ ފަހުން ވެލެންސިޔާއަށް އޭނަ ބަދަލުވީ 2012 ވަނަ އަހަރުގެ ޖޫން މަހުގެ ޓްރާންސްފާ މުއްދަތުގައެވެ.