18 Feb 2013, 23:38
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ކަންތައް އޮތް ގޮތް ބެލުމަށް ކުރި ސާވޭ "ނެޝަނަލް ޑްރަގް ޔޫޒް ސާވޭ"ގެ ރިޕޯޓް މިރޭ ނެރެފި އެވެ.
ޔޫރަޕިއަން ޔޫނިއަން އިން ހަރަދުކޮށްގެން، ދިވެހި ސަރުކާރާއި ޔޫއެންއޯޑީސީ ގުޅިގެން ސްޓްރެންތެނިން ނެޝަނަލް ރެސްޕޮންސް ޓް ކޮމްބެޓް ޑްރަގް އެބިއުޒް އިން ދަ މޯލްޑިވްސް"ގެ ނަމުގައި ހިން މަޝްރޫގެ ދަށުން ކުރި އެ ސާވޭގެ ރިޕޯޓް މިރޭ ނެރެދެއްވީ ޓްރޭޑާސް ހޮޓަލުގައި މިރޭ އޮތް ހަފުލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
އިނޯވާ ޕްރައިވެޓްލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުރި އެސާވޭގެ މަގުސަދަކީ ރާއްޖޭގައި ޑްރަގް ބޭނުންކުރާ މީހުންގެ އަދަދު ބެލުމާއި ޑްރަގް ބޭނުންކުރަން މީހުން ފެށުމުގެ ފުރުސަތު އޮތީ ކިހާވަރަކަށްތޯ ބެލުމެވެ. އަދި އެކަމުގައި އުޅެނީ ކޮންކޮން ބައެއްތޯއާ އެކަމާ މެދު މުޖުތަމައުގައި ހޭލުންތެރިކަން އޮތީ ކިހާވަރަކަށްތޯ ބެލުން ވެސް ހިމެނެ އެވެ.
ރިޕޯޓް ނެރުމަށް މިރޭ އޮތް ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ނައިބު ރައީސް މުހައްމަދު ވަހީދުއްދީނާއި ހެލްތު މިނިސްޓަރު އަހުމަދު ޖަމްޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.