18 Feb 2013, 23:21
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހައްޔަރުކުރުމަށް ޓަކައި އިންޑިއަން ހައި ކޮމިޝަނަށް ވަނުމުގެ ހުއްދަ އިންޑިއާ އިން ނުދޭނެ ކަމަށް ޑިއެންޑީ ޓީވީ އިން ބުނެފި އެވެ.
ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައިވާ އިރު، ރާއްޖެ އިން ނަޝީދު ހައްޔަރުކުރުމުގައި އިންޑިއާގެ އެއްބާރުލުމަށް މިއަދު އެދިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ނަޝީދު އިންޑިއަން ހައި ކޮމިޝަންގައި ހުންނަވަނިކޮށް، އެމަނިކުފާނު ހައްޔަރުކުރެވޭނީ އިންޑިއާގެ ހުއްދައާ އެކު ދިވެހި ފުލުހުން އިންޑިއަން ހައި ކޮމިޝަން ތެރެއަށް ވަދެގެންނެވެ.
ނަން ހާމަކޮށްފައި ނުވާ، އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ އެންޑީޓީވީއިން ބުނެފައި ވަނީ ނަޝީދު ހައްޔަރުކުރުމަށް އިންޑިއަން ހައި ކޮމިޝަންގެ ތެރެއަށް ވަނުމުގެ ހުއްދަ ދިވެހި ފުލުހުންނަށް ނުދޭނެ ކަމަށެވެ.
އެހެން ނަމަވެސް ކޯޓަށް ވަޑައިގަންނަވަން ބޭނުން ފުޅު ނަމަ، ނުވަތަ އަމިއްލައަށް ފުލުހުންނާ ހަވާލުވާން ނަޝީދު ބޭނުން ފުޅުވާ ނަމަ، އެ ފުރުސަތު އޮންނާނެ ކަމަށް އޮފިޝަލް ވިދާޅުވި ކަމަށް އެންޑީޓީވީއިން ބުނެ އެވެ.
ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރު ލިބުމާ އެކު، ފުލުހުން ވަނީ އެއަމުރު ތަންފީޒުކުރުމަށް ޓަކައި ފޮރިން މިނިސްޓްރީގެ އެހީތެރިކަމަށް އެދިފަ އެވެ.
މީގެ ހަ ދުވަސް ކުރިން ނަޝީދު އިންޑިއަން ހައި ކޮމިޝަނަށް ވަދެވަޑައިގެންނެވި ފަހުން ނުކުމެވަޑައިގެންފައި ނުވާ އިރު، ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގެ ދަށުން ރާއްޖޭގައި ހުންނަ ބޭރު ގައުމެއްގެ އެމްބަސީއަކަށް ދިވެހި ފުލުހުންނަށް ވަދެވޭނީ އެ ގައުމެއްގެ އެމްބަސީއަކުން ހުއްދަދީގެންނެވެ.