18 Feb 2013, 22:58
އެސްޓީއޯއިން 2012 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެކިއެކި ޕުރޮމޯޝަންތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފިއެވެ.
އެސްޓީއޯ ހޯމް އިންޕުރޫވްމަންޓްގައި މިރޭ ބޭއްވި ހަފްލާއެއްގައި ވަނަވަނައަށްދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އާދަމް އާޒިމް އާއި އެސްޓީއޯގެ ޑިރެކްޓަރު އިބުރާހިމް ޝަރީފު އެވެ.
އެސްޓީއޯއިން މިދިޔަ އަހަރު ބޭއްވި ޕުރޮމޯޝަންތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އަގުބޮޑެތި އިނާމްތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި އުމުރާ ދަތުރާއި އެއް ލައްކަ ރުފިޔާގެ ވައުޗާގެ އިތުރުން ތަފާތު ގިނަ އިނާމުތައް ހިމެނެއެވެ.
މިރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އާދަމް އާޒިމް ވިދާޅުވީ އެސްޓީއޯ އާއި އެކުންފުނިން ވިޔަފާރިކުރާ ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކޮށްފައިވާނެ ކަމަށެވެ. އަދި މިއަހަރު ވެސް ތަފާތު ގިނަ ޕުރޮމޯޝަންތަކެއް ހިންގުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާޒިމްގެ ވާހަކަފުޅުގަިއވަނީ އިނާމް ހާސިލްކުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.