18 Feb 2013, 22:55
މި އަހަރު ބާއްވާން ތައްޔާރު ވަމުން އަންނަ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި ދެ ފުށް ފެންނަ އިންތިޚާބަކަށް ހަދައި ދިނުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފި އެވެ.
ޕީޕީއެމް އިން މިއަދު އެކަމަށް ގޮވާލައި ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އެ ޕާޓީ އަކީ އިސްލާމީ ހަމަތަކާއި ގައުމީ މަސްލަހަތަށް އިސްކަން ދީގެން ރާއްޖޭގައި ޑިމޮކްރެސީގެ އަސާސްތަކާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށާއި އެހެން ކަމުން ގާނޫނު އަސާސީ ނަގަހައްޓައި މިނިވަން އިންސާފުވެރި ދެ ފުށް ފެންނަ ރިޔާސީ އިންތިޚާބެއް މި ރާއްޖޭގައި ބާއްވައި ދިނުމަށް ގޮވާލާ ކަމަށެވެ.
ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ސަރީހް އިބާރާތުން ބުނެފައިވާ ގޮތުން ރާއްޖޭގައި އޮންނަ އެއްވެސް އިންތިޚާބަކަށް ސަރުކާރުން ވިޔަސް ނުވަތަ އެހެން ފަރާތަކުން ވިޔަސް އެއްވެސް ނުފޫޒެއް ފޯރުވޭނެ އެއްވެސް ޖާގަ އެއް ނެތް ހިނދު ހުރިހާ ޕާޓީ އަކުން ބައިވެރިވާ އަދި މިނިވަން ކެނޑިޑޭޓުންނަށް ބައިވެރި ވެވޭ ގާނޫނާއި އެއްގޮތަށް ހާމަ ކަން ބޮޑު މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަކީ ޕީޕީއެމް އިން އަބަދުވެސް ތާއީދު ކުރާނެ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
"ހުރިހާ ޕާޓީ އަކުން ބައިވެރިވާ އަދި މިނިވަން ކެނޑިޑޭޓުންނަށް ބައިވެރި ވެވޭ ގާނޫނާއި އެއްގޮތަށް ހާމަ ކަން ބޮޑު މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް މި ގައުމުގައި ބޭއްވުމަކީ ޕީޕީއެމް އިން އަބަދުވެސް ތާއީދު ކުރާނެ ކަމެކެވެ،" އެ ބަޔާނުގައި ވެއެވެ.
ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރު ކޮށްދެއްވުމުގައްޔާއި ގާނޫނު އަސާސީ ނެގެހެއްޓުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތް ތަކަށް ތާއީދު ކުރުމާއި އެކު ކުރިއަށް އޮތް ތަނުގައިވެސް އެ ގޮތުގައި ސާބިތުވެ ދެމި އޮތުމަށް ދިވެހި ސަރުކާރަށް އިލްތިމާސް ކުރާ ކަމަށާއި، އަދި މުޖުތަމައުގެ އަމާން ކަމާއި ރައްޔިތުންގެ ސަލާމަތަށް ޓަކައި ރެއާއި ދުވާލު ގުރުބާންވެ ވަޑައިގަންނަވަމުން ގެންދަވާ ދިވެހި ފުލުހުންގެ އަގުހުރި ހިދުމަތަށް ތައުރީފްކޮށް ވަރަށް އިޚްލާސްތެރި ކަމާއި އެކު ޝުކުރު ދަންނަވާ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.