18 Feb 2013, 22:50
ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ފޯރުވައި ދިނުމަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫއުތަކުގެ ތެރެއިން ގދ. ތިނަދޫގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހަފްތާއެއްގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
ހައްދުންމަތީ ގަމުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު އެމްޑަބްލިޔުއެސްސީ އާއި ހަވާލުކުރުމަށްޓަކައި ބޭއްވުނު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މެންދުރުފަހު އޮތް އެމިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ތިނަދޫގެ ނަރުދަމާ ނިޒާމްގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.
"އޭއެފްޑީގެ އެހީގެ ދަށުން އަޅުގަނޑުމެން ގާއިމްކުރާ ދެވަނަ މަޝްރޫއު އެއީ ގދ. ތިނަދޫގެ މަޝްރޫއު. އެ މަޝްރޫއު ވެސް އިރާދަކުރެއްވިއްޔާ ހަފްތާއެއްހާ ދުވަސްތެރޭގައި ހަވާލުކުރެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ،" މަތީން ވިދާޅުވި އެވެ.
ސަރުކާރުން މި އަހަރު ވަނީ ތިން ރަށެއްގެ ފެނުގެ ނިޒާމް ގާއިމު ކުރުމާއި އަދި 31 ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް މިއަރު ބަޖެޓް ކޮށްގެން އެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް މިއަދުން ފެށިގެން އިއުލާނު ކޮށްފަ އެވެ. އެ ގޮތުން ބިޑް ޑޮކިއުމަންޓްތައް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާން ޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ މާޗު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަތީނު ވިދާޅުވީ، ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ އަސާސީ ހިދުމަތެއް ކަމުގައި ވިޔަސް މި ހިދުމަތް ގާއިމް ކޮށްދިނުމުގައި ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރާން ޖެހިވަޑައިގަންނަވާ ކަމަކަށްވާތީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ހަމަހަމަކަމާ އެކު މި ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ތަފާތު ވިސްނުންތަކެއް ގެންގުޅޭން ޖެހިފައި ވާކަމަށެވެ.
"މި ހިދުމަތް ފޯރުކޮށް ދިނުމުގައި ވަރަށް ބޮޑު ހޭދައެއް ސަރުކާރުން ކުރާން އެބަ ޖެހޭ. އެ ހޭދައަށް ބަލާއިރުގައި އަދި ހިދުމަތް ފޯރުކޮށްދީފައިވާ މިންވަރަށް ބަލާއިރު މި ކަންކަން ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ކުރުމުއްދަތެއްގައި ފޯރުކޮށްދޭ ކަމުގައި ވެއްޖިއްޔާ އަޅުގަނޑުމެން ތަފާތު ވިސްނުންތަކެއް ގެންގުޅޭން އެބަ ޖެހޭ،" މަތީނު ވިދާޅުވި އެވެ.
އެގޮތުން އޭނާ ވިދާޅުވީ މި ފަހަރު މަސައްކަތް ހަވާލުކުރާނީ ފައިސާ ދެއްކުމުގައި ސަރުކާރަށް ލުޔެއް ލިބޭނޭ ކަހަލަ ގޮތަކަށް އެމަޝްރޫއެއް ހަވަލުވާ ފަރާތުން ކޮންސަލްޓެންސީ އާއި އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަޝްރޫއު ފަރުމާކޮށްގެން ކުރިއަށް ގެންދާ ކަހަލަ ގޮތަކަށް ކަމަށެވެ.
"މަޝްރޫއު ހުޅުވާލާފައި މިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފައިސާ ކޮންމެވެސް ވަރަކަށް ބޭނުން ކޮށްގެން މަޝްރޫއުތައް ނިންމާލާ ކަހަލަ ގޮތަކަށް. އެގޮތުން އަޅުގަނޑުމެންގެ ޕޭމަންޓް ޓާމްސް ނުވަތަ އެފައިސާ ދައްކާގޮތަށް ސަރުކާރަށް ލުޔެއް ލިބޭ ކަހަލަ މެކޭނިޒަމެއްގެ ދަށުން އަޅުގަނޑުމެން މަޝްރޫއުތައް އިއުލާނު ކޮށްލާފައި މިވަނީ،" މަތީނު ވިދާޅުވި އެވެ.