މީގެ ދެ ދުވަސްކުރިން ރ. އަތޮޅު ހުޅުދުއްފާރުން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް ގެއްލުނު ތިން ކުދިން ހޯދުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށް ގެންދާ ކަމަށް އެމް.އެން.ޑީ.އެފް އިން ބުނެފި އެވެ. އެމް.އެން.ޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިއަދު ހެނދުނު 6:30 އިން ފެށިގެން ވެސް އެމް.އެން.ޑީ.އެފްގެ ޓީމަކުން ގެންދަނީ އެ ތިން ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.


"އަޅުގަނޑުމެން މިގެންދަނީ ކަނޑުއަޑިންނާޢި މަތިން އަދި ސާފޭސް ވެސް ބަލަމުން. އަދިވެސް ފެންނަގޮތެއް ނުވޭ." އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.


މި ދިޔަ ހޮނިހިރު ދުވަހު ގެލުނު ހުޅުދުއްފާރު 14 އަހަރުގެ ދެ ކުއްޖަކާއި 10 އަހަރުގެ ކުއްޖަކު ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތީ ކައިރީގައި އޮންނަ ގާއުނޑޫދޫ އަށް ދިއުމަށެވެ.


އެ ތިން ކުދިން ދަތުރުކުރި ކެނޯ އިއްޔެ ވަނީ ފެނިފަ އެވެ. އެމް.އެން.ޑީ.އެފުން ބުނާ ގޮތުގައި، އެ ކެނޯ ފެނުނު އިރު ކެނޯ އޮތީ ބަންޑުން ޖަހައިފަ އެވެ. އަދި އޭރު ކެނޯ ބާރަށް    އޮޔާ ދަނީ އެވެ.