18 Feb 2013, 17:57
ކިއުބާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށްފަހު، ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒް އެނބުރި ގައުމަށް ވަޑައިގެންފި އެވެ.
ޓުވިޓާގައި ކުރެއްވި ތިން މެސެޖެއްގައި ޗާވޭޒް ވަނީ އެނބުރި ގައުމަށް ވަޑައިގެން، ވެނެޒުއޭލާގައި އިތުރަށް ފަރުވާ ހޯއްދަވަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
14 އަހަރު ވަންދެން ވެނެޒުއޭލާގެ ރައީސް ކަން ކުރައްވާފައިވާ ޗާވޭޒް ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ އިތުރު ހަ އަހަރުގެ ދައުރަކަށް ރައީސްކަމުގެ މަގާމަށް އިންތިހާބުވެފަ އެވެ. އިންތިހާބަށް ފަހު އަދި މިހާތަނަށް ޗާވޭޒް މަގާމުގެ ހުވާކޮށްފައިނުވަނީ، ކުރިމަތިވި އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށްޓަކަ އެވެ.
2011 ވަނަ އަހަރުގެ ތެރޭގައި ކެންސަރު ޖެހިފައިވާ ކަން އެނގިވަޑައިގަތުމަށް ފަހު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޗާވޭޒް ވަނީ 18 މަސް ދުވަހުގެ ތެރޭގައި ކުރެއްވި ހަތަރުވަނަ އޮޕަރޭޝަން، ކިއުބާގެ ހަވާނާގައި ނިންމަވާލައްވާފަ އެވެ.
ގައުމަށް އެނބުރި ވަޑައިގަތް ކަން ޓުވިޓާގައި އިއުލާންކޮށްފައިވާ ނަމަވެސް، ޗާވޭޒު އެނބުރި ވެނެޒުއޭލާއަށް ވަޑައިގަތީ ކޮން އިރެއްގައި ކަމެއް ސާފު ވެފައެއް ނުވެ އެވެ. އަދި ވެނެޒުއޭލާގެ ވެރިކަމާ ޗާވޭޒް ހަވާލުވެވަޑައިގަންނަވާނެ ދުވަހެއް ވެސް ސާފުވެފައި ނުވާ ކަމަށް ބީބީސީ އިން ބުނެ އެވެ.