ހައްދުންމަތީ ގަމުގައި ނަރުދަމާ ނިޒާމެއް ގާއިމު ކުރުމަށްޓަކައި މާލޭ ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީއާއި ދެމެދު 85 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓަރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހްމަދު ދީދީ އެވެ. މަޝްރޫއު ނިންމުމަށް އެއްބަސް ވެފައިވާ މުއްދަތަކީ ސޮއިކުރާ ތާރީހުން ފެށިގެން 18 މަސްދުވަހުގެ ތެރޭގަ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ ގަމުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް އެމްޑަބްލިޔުއެސްސީއާ މިއަދު ހަވާލު ކުރެވުނު މަސައްކަތަކީ ފްރާންސް ސަރުކާރުގެ އެހީގައި ފެށުނު މަޝްރޫއެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އެމްޑަބްލިޔުއެސްސީ އާއެކު ސޮއި މިކުރެވުނީ ލ. ގަމުގައި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފެށުމަށް. އެއީ 85 މިލިޔަން ދިވެހި ރުފިޔާގެ މަޝްރޫއެއް. ފްރާންސްގެ ސަރުކާރުގެ އެހީތެރިކަމުގެ ދަށުން ފްރާންސުން ފައިސާ ލިބިގެން އަޅުގަނޑުމެން މިފަށާ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަދުން ފަށައިގެން އެމްޑަބްލިޔުއެސްސީއިން ދުވަސް ގުނަމުން ދާނެ" އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ބީލަމުގެ އުސޫލުން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ކުޑަ އަގެއް ހުށަހަޅައިގެން ލ. ގަމުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ހަވާލުކުރެވުނު އެމްޑަބްލިޔުއެސްސީ އިން މި މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ އަގަކީ 85692317.74ރ. އެވެ. މި މަޝްރޫއުއަށް ފައިސާ ހަމަޖެހިފައި ވަނީ ފްރެންޗް ޑިވެލޮޕްމަންޓް އޭޖެންސީ (އެފްޑީއޭ)ގެ ލޯން އެހީގެ ދަށުންނެވެ.