އިންޑިއާގެ ހައި ކޮމިޝަންގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުމަށް ހުޅުމާލޭ ކޯޓުން ދެވަނަ ފަހަރަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމަށް އިންޑިއަން ހައި ކޮމިޝަންގައި ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް ނަޝީދު ހައްޔަރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުގައި ރައީސް ނަޝީދު ބަހައްޓައިގެން އަންނަ ބުދަ ދުވަހު ކޯޓަށް ހާޒިރު ކުރުމަށްޓަކައި "އިންތިޒާމްތަކެއް" ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓްރީގައި ފުލުހުން ވަނީ އެދިފަ އެވެ. ފުލުހުން ވެސް އެކަން ސަންއަށް ކަށަވަރުކޮށްދީފައިވެ އެވެ.

ފޮރިން މިނިސްޓްރީ އަށް ފުލުހުން ފޮނުވި ސިޓީއާ އެކު ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގެ ކޮޮޕީ ވެސް ފޮނުވާފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައި ކޮމިޝަނަށް ވަނުމުގެ ހުއްދައެއް ހޯދުމަށް ފޮރިން މިނިސްޓްރީގައި އެދުނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ނަޝީދު ހައްޔަރު ކުރުމަށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ޓަކައި ފުލުހުންނަށް އެހީތެރިވުމަށް އިންޑިއާ ހައި ކޮމިޝަންގައި މިއަދު އެދިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރި މައްސަލައި ތުހުމަތުގެ ޝަރީއަތަށް ރައީސް ނަޝީދު ހާޒިރު ކުރުމަށް މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް ރައީސް ނަޝީދު ވަނީ އިންޑިއާ ހައި ކޮމިޝަނަށް ވަޑައިގެންފަ އެވެ. ޝަރީއަތަށް ވަޑައިނުގަންނަވަން ވެގެން ނަޝީދު ހައި ކޮމިޝަންގައި ހުންނަވާތާ މިއަދަށް ހަ ދުވަސް ހަމަވާނެ އެވެ.

ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (ވީސީޑީއާރު)ގެ ދަށުން ގައުމެއްގައި ހުންނަ އެހެން ގައުމެއްގެ އެމްބަސީއަކީ ހުރުމަތްތެރިވެގެންވާ ބިމެއް ނުވަތަ އިމާރާތެއްގެ ގޮތުގައި ބަލައި، ބޭރު ގައުމެއްގެ އެމްބަސީ އަށް ނުވަތަ ހައި ކޮމިޝަނަށްގެ އެމްބަސީ ހުންނަ ގައުމެއްގެ ސަލާމަތީ ބާރުތަކަށް ވެސް ނުވަދެވޭނެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ ހެޑް އޮފް މިޝަންގެ ހުއްދައާ އެކު ފުލުހުންނަށް އިންޑިއާގެ ހައި ކޮމިޝަނަށް ވަދެވޭނެ އެވެ.
ފޮރިން މިނިސްޓްރީގެ ސިޓީއެއް އިންޑިއަން ހައިކޮމިޝަނަށް ލިބުނުކަން ނުވަތަ ނޫން ކަން އަދި ހައި ކޮމިޝަނުން ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ.