18 Feb 2013, 17:12
ދާދި ފަހުން އެމްޑީޕީން މާލޭތެރޭގައި ކުރި މުޒާހަރާއެއް ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ( އެޗްއާރުސީ އެމް) ބުނި ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ހިއުމަންރައިޓްސް އެމްބެސެޑަރު އަހްމަދު އިބްރާހީމް ދީދީ (ސަންދާން އަހައްމައިދީ ) އެ ކޮމިޝަށް ބަހުގެ ހަމަލާދެއްވައިފި އެވެ.
މިއަދު މެންދުރު ފަހު ނޫސްވެރީނާ އެކު ބޭއްވި ބައްދަލުވުމުގައި ސަންދާނު އަހައްމައިދީ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް އެޗްއާރުސީއެމް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެ ރިޕޯޓް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ރަނގަޅަށް ނުބަލައި ބުނެފައިވާ ވާހަކަތަކެއް ކަމަށެވެ.
" ލަޓިބުރިއެއް ހިފައިގެން މީހަކު ހަމަލާއެއް ދޭން އަތުވެއްޖެއްޔާ މި ކޮޅުން ވެސް ދާނީ އެކްސެސިވް ފޯސްގަ އޭ އެކަން ހުއްޓުވުމަށް. އެހެންވީމަ އެއީ އެއްގޮތަކަށް ވެސް ވިސްނައި ނުލާދޭ ޖަވާބު. އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ހިއުމަންރައިޓްސް ކޮމިޝަނުން އެ ވިދާޅުވީ ރަނގަޅު ވާހަކައެއް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މުޒާހަރާގެ ބައިވެރިން ތަންތަނުގައި ރޯ ކުރި އިރު އެކަން ހާމަ ކޮށްފައި ނުވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ހިތާމަ ކުރަން މުޒާހާރާތައް ރޫޅާލުމުގައި އެކްސެސިވް ފޯސް ބޭނުން ކުރާ ވާހަކަ ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނުން ބުނިއިރު މުޒާހަރާގެ ބައިވެރިން ތަންނަނުގައި ރޯކޮށް މީހުނަށް ހަމަލާދެމުންދާއިރު އެކަން ކުށްވެރި ނުކުރެއްވި. އެއީ މުޒާހަރާގެ ބައިވެރީނަށް ކުރެވިދާނެ ކަމަކަށް ވެގެންބާ އޭ އަޅުގަނޑު ހިތަށް އަރާ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު އެމްޑީޕީން މާލެގައި ކުރި މުޒާހަރާ ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް އެޗްއާރުސީއެމް އިން ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން ނެރުނު ބަޔާނުގައި މުޒާހަރާގައި ބައެއް އަންހެނުން ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށާއި ހައްޔަރުކުރުމުގައި އެކަށީގެން ނުވާވަރުގެ ބާރުގެ ބޭނުން ކޮށްފައި ވާ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އެ ރޭގެ މުޒާހަރާގެ އަމަން ބެލެހެއްޓުމަށް ހަރަކާތްރެރިވި ފުލުހުންގެ ބަސްމަގު އެކަށީގެން ނުވާ ގޮތަކަށް ބޭނުން ކޮށްފައި ވާ ކަމަށް ބުނެފައި ވެއެވެ.