18 Feb 2013, 17:01
ދަރަނިތައް އަދާ ނުކުރެވޭނެތީ އެމެރިކާގެ އެންމެ މަގުބޫލު އާއިލީ މެގަޒިން ކަމަށްވާ ރީޑާސް ޑައިޖެސްޓު ހިންގާ ކުންފުނި ރީޑާސް ޑައިޖެސްޓް އެސޯސިއޭޝަން ބަނގުރޫޓު ވެފައިވާ ކަން އިއުލާން ކޮށްދިނުމަށް އެދިއްޖެ އެވެ.
އެމެރިކާގެ ބޭންކްރަޕްސީ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ރީޑާސް ޑައިޖެސްޓް އެސޯސިއޭޝަނުން ބަނގުރޫޓު ވެފައިވާ ކުންފުންޏަކަށް ލިބޭ ހިމާޔަތަށް އެދިފައި ވަނީ އެމެރިކާގެ ނިއުޔޯކު ސިޓީގެ ވައިޓް ޕްލެއިންސްގައި ހުންނަ ބޭންކުރަޕްސީ ކޯޓަށެވެ.
ބަނގުރޫޓު ވެފައިވާ ކަން ނިންމުމަށް، އެކުންފުނިން ކޯޓަށް ހުށަހެޅި ބެލެންސް ޝީޓުތަކަށް ބަލާ އިރު، ކުންފުނީގެ ހަރުމުދަލުގެ ގޮތުގައި 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ ލިސްޓުކޮށްފައިވެ އެވެ. އަދި ދަރަނީގެ ގޮތުގައި ކުންފުނިން ހިމަނާފައި ވަނީ 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެވެ.
ވޯލް ސްޓްރީޓް ޖާނަލަށް ދިން ބަސްދީގަތުމެއްގައި ރީޑާސް ޑައިޖެސްޓުގެ ސީއީއޯ ބޮބް ގުތު ވިދާޅުވީ، ބަނގުރޫޓު ވެފައިވާ ކުންފުންޏެއްގެ ގޮތުގައި ޑިކްލެއާ ކުރުމުން ލިބޭ ހިމާޔަތުގެ ދަށުން ދަރަނި ކުޑަވެގެންދާނެ ކަމަށެވެ. އަދި ދަރަނި ކުޑަވެއްޖެ ނަމަ، އެ ކުންފުނީގެ މިހާރު ވެސް ހިނގަމުންދާ ބައެއް ބުރޭންޑުތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ރީޑާސް ޑައިޖެސްޓް އެސޯސިއޭޝަނުން ވަނީ ދަރަނިން ސަލާމަތްވުމަށް ޓަކައި އެކުންފުނީގެ އަގުބޮޑު ބައެއް ބުރޭންޑުތައް ވިއްކާލާފަ އެވެ. މިގޮތުން އޯލް ރެސިޕީސް ޑޮޓް ކޮމް 175 މިލިއަން އެމެރިކާ ޑޮލަރަށް މެރެޑިތު ކޯޕަރޭޝަނަށް ވިއްކާލި އިރު، ސްކޫލުތަކަށް ހާއްސަކޮށްގެން ނެރޭ މެގަޒިން ވީކްލީ ރީޑާ ވަނީ ސްކޮލާސްޓިކް ޕަބްލިކޭޝަންސް އަށް ވިއްކާލާފަ އެވެ.
އެހެން ނަމަވެސް، ކުންފުނީގެ ދަރަނިތައް ފޫބެއްދިފައި ނުވުމުން، ކުންފުނި ބަނގުރޫޓު ވެފައިވާ ކަން ނިންމުމަށް ހުށަހަޅާފައިވާ އިރު، ރީޑާސް ޑައިޖެސްޓް އެސޯސިއޭޝަނުން ދަނީ 41 ގައުމެއްގައި 75 މެގަޒިނެއް ހިންގަމުންނެވެ. މީގެ ތެރޭގައި ރީޑާސް ޑައިޖެސްޓުގެ 49 ވާޝަނެއް ހިމެނެ އެވެ.