މާލޭ ކުޅިވަރު އެކުވެނީގައި ރޭ 8:30ގައި ފެށުނު 22 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފަނަރަ އަހަރުން ދަށުގެ ފައިނަލަށް ދިޔައީ ހ. ސީވީޑް މުހައްމަދު ޝައްފާން އާއި މއ. އުދުހޭކޮކާ އަހްމަދު މުހައްމަދު ޒައިދާން އެވެ.

ޝައްފާން ފައިނަލުން ޖާގަ ހޯދާފައިވަނީ މއ. ޒީނިޔާމާގޭ މުހައްމަދު ފަރީޒް ސީދާ ތިން ސެޓުން ބަލިކުރުމަށްފަހު އެވެ. އަދި ޒައިދާން ފައިނަލުން ޖާގަ ހޯދާފައިވަނީ ގ. ރަވާ ސުދައިޝް އިބްރާހީމާއި ވާދަކޮށް ތިން ސެޓް ދެ ސެޓުން މޮޅުވެގެން ނެވެ.

ޓީޓީއޭއެމް ޗެމްޕިއަންޝިޕްގައި ރޭ ދެވަނަ ޑިވިޜަންގެ ގްރޫޕް ސްޓޭޖްގައި ވާދަކޮށް އެ ގްރޫޕްތަކުން އެއްވަނަ ހޯދައިގެން ހަތަރު ކުޅުންތެރިއަކު ވަނީ ސެމީފައިނަލުން ވެސް ޖާގަ ހޯދާފަ އެވެ. އެ ކުޅުންތެރިން ނަކީ، ހުޅުމާލޭ ފްލެޓް (4-1-03) އިބްރާހީމް ޝަފީން އާއި ހ. ހައިފާ ހުސައިން ޝިފްނާން އާއި ހ. ސީވީޑް އިބްރާހީމް ލަތީފް އާއި ޅ. ހިންނަވަރު ބޮޑުފެންޑާގޭ ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

މި މުބާރާތުގައި ރޭގެ ކުޅުން ނިމުނު އިރު 12 އަހަރުން ދަށާއި 15 އަހަރުން ދަށާއި އަދި ދެވަނަ ޑިވިޜަނުން ޖުމްލަ 37 މެޗު ކުޅެފައި ވެއެވެ. އަދި މިރޭ ވެސް 12 އަހަރުން ދަށް، 18 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޜަނާއި ދެވަނަ ޑިވިޜަންގެ ސިންގަލް އަދި ޑަބަލްސް މެޗުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މިމަހުގެ 17 އިން 20ގެ ނިޔަލަށް ކުޅިވަރު އެކުވެނީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގައި ހުރިހާ އުމުރުފުރައަކާއި ޑިވިޜަންތަކުން ޖުމުލަ 50 ކުޅުންތެރިން ބައިވެރިވެފައިވާ އިރު މުބާރާތުގައި 130 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.