އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނޭ ކަމަށް އެޕާޓީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ  އެވެ.
ހޮލިޑޭއިންގައި ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީގެ ޗެއަޕާސަން ކަމާ އެކަމަނާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީ މަޔަކަށް ބޭނުންވެފައިވާ ދުވަސްވަރު ކަމަށާއި ނަމަވެސް މިހާރު އެމްޑީޕީ އަކީ ތަސައްރަފް ފުދިފައިވާ ޕާޓީއަކަށްވާތީ އެ ޕާޓީއަށް އިތުރަށް މަޔަކު ބޭނުންނުވާ ކަމަށެވެ. އެހެން ކަމުން އިތުރު ދައުރަކަށް ޗެއަޕާސަން ކަމަށް ކުރިމަތިލައްވަން ބޭނުންވެ ނުލައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
74 މެމްބަރުން ބައިވެރިވި ރޭގެ ޖަލްސާގައި މި މަހުގެ 28 ން 30 އަށް ބާއްވާ އެމްޑީޕީގެ ކޮންގްރެސްގެ އެޖެންޑާ ފާސްކުރުމަށް ކޮންގްރެސް ކޮމިޓީއާ ހަވާލުކުރުމަށާއި އެޕާޓީގެ އަސާސީ ޤަވައިދަށް އިސްލާޙް ގެނައުމަށް އިސްލާޙް ކޮމިޓީން ކަނޑައަޅާފައިވާ ގޮތަށް ފާސްކުރުމަށް ވަނީ ނިންމާފަ އެވެ.
ދާއިރާތަކުގެ އިންތިޚާބަށް ފަހު ޤައުމީ މަޖިލީހަށް ހޮވިވަޑައިގެންނެވި އާމެންބަރުންނާ އެކު ބޭއްވި އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ޗެއަޕާސަން މާރިޔާ އެވެ. ރޭގެ އެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިތުރުން މި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.