18 Feb 2013, 16:28
މެލޭޝިއާގައި ބާއްވާ ރޯޔަލް ބެލަމް ވޯލްޑް ޑްރަމް ފެސްޓިވަލްގައި ރާއްޖޭގެ ބޮޑު ބެރުގެ ރަސްކަން ކުރަމުން ގެންދާ ހަރުބީ ގްރޫޕް ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.
މެލޭޝިޔާގެ ޕެރެކްގައި މިމަހުގެ 20 އިން 24 އަށް ބާއްވާ މި ފެސްޓިވަލަކީ މެލޭޝިޔާގެ ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގައި މިސަރަހައްދުގެ ގިނަ ގައުމުތަކުގެ ބެރުގެ ހަރަކާތްތަކާ އެކު ނެށުނުގެ ހަރަކާތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފެސްޓިވަލްގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި އަޒަރްބައިޒާނާއި އޮސްޓްރޭލިއާ އާއި އިޖިޕްޓާއި އިންޑޮނޭޝިއާ އާއި މޭލޭޝިއާ އާއި ސިންގަޕޯ އަދި ތައިލެންޑް ހިމެނެ އެވެ.
ހަރުބީގެ އިސް އޮފިޝަލަކު މިއަދު ބުނީ މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހަރުބީއަށް ލިބިފައިވާ ކަމަށާއި ފަސް ރޭ މެލޭޝިޔާގައި ކުރިއަށްދާ އެޝޯވްއަށް ހަރުބީ ގްރޫޕް މި ރޭގެ ވަގުތެއްގައި މެލޭޝިޔާއަށް ދިއުމަށް ފުރާނެ ކަމަށެވެ.
"މި ފުރުސަތު ހަރުބީއަށް ހޯދައިދިނީ މެލޭޝިޔާގައި އުޅޭ ދިވެހިންގެ ބައެއްގެ ވަރަށް ބޮޑު ސަޕޯޓަކާ ވެސް އެކު، މިއީ މިސަރަހައްދުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ފެސްޓިވަލް،" އޮފިޝަލް ބުންޏެވެ.
މީގެކުރިން ވެސް ރާއްޖޭގެ ބޭރުގައި ބާއްވާ މިފަދަ އެތައް ޝޯއެއްގައި ޕާފޯމްކުރުމުގެ ފުރުސަތުތައް ހަރުބީއަށް ވަނީ ލިބިފަ އެވެ.