18 Feb 2013, 16:10
ރާއްޖޭގައި ހުރި އިންޑިއާގެ މިޝަން (އިންޑިއާ ހައި ކޮމިޝަން) އަކީ ސިޔާސީ ހަރަކާތްތަކަށް ބޭނުންކުރާ ތަނަކަށް ނުވާނެ ކަން ކަށަވަރު ކުރަން ޖެހޭ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ހޫރުޝީދު ވިދާޅުވެއްޖެ އެވެ.
~
ބަންގްލަދޭޝްއަށް ކުރެއްވި ދެދުވަހުގެ ޒިޔާރަތަކަށް ފަހު އެނބުރި ވަޑައިގެންނެވި ދަތުރުމަތީގައި މަތިންދާބޯޓްގައި އިންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަލްމާން ވިދާޅުވެފައި ވަނީ ރާއްޖޭގައި ހުރި އިންޑިއާގެ މިޝަނަކީ ރާއްޖޭގައި ހިނގާ ސިޔާސީ ކަންތައްތަކުގެ ބައިވެރިއަކަށް ނުވާ ކަމާއި އެތަން ސިޔާސީ ކަންކަމަށް ބޭނުން ނުކުރާކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
"ނަޝީދު އަޅުގަނޑުމެންގެ މިޝަންގައި އަދި އޭނާގެ ސަޕޯޓަރުން މަގުމަތީގައި [ތިބި އިރު] އަޅުގަނޑުމެންގެ މިޝަނަކީ ދިވެހިރާއްޖޭގައި ހިނގާ ސިޔާސީ ކަންތައްތަކުގެ ބައިވެރިއަކަށް ނުވާކަން އަދި އެތަން ސިޔާސީ ކަންތައްތައް ހިންގާ ތަނަކަށް ނުވާނެކަން ކަށަވަރުކުރަން ޖެހޭ،" ސަލްމާން ހޫރުޝިދު ވިދާޅުވި ކަމަށް އިންޑިއާގެ ދަ އިކޮނޮމިކް ޓައިމްސް ގައި ވެއެވެ.
ރައީސް ނަޝީދު އިންޑިއާގެ ހައިކޮމިޝަނުގައި ހުންނެވި ހުންނެވުން ނިމުމެއްނެތި ދިގެއް ނުދެންމޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް އެމަނިކުފާނުގެ އާއިލާއާއި އެކުވެރިންނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ވަނީ ވަނީ ގައުމުތަކުގެ ވެރިންނަށް އޮންނަ އާއްމު އިނާޔަތްތަކުގެ އުސޫލުން ކަމަށެވެ.
"އެހެން ނަމަވެސް މިކަން ނިމުމެއް ނެތި، ދިގެއް ނުދެންމޭނެ،" ސަލްމާން ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ހައިކޮމިޝަނުގައި ހުންނެވި މައްސަލައިގާ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބުދުއް ސަމަދު އަބުދުﷲ އާ މަޝްވަރާކުރައްވާފައިވާ ކަމަށާއި މިކަންތައްތައް އޮޅުންފިލުވައިދީފައިވާ ކަމަށެވެ.
ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް އިންޑިއާއިން ވަންނަކަމަށް ކުރެވޭ ތުހުމަތުތައް ސަލްމާން ވަނީ ދޮގުކުރައްވާފައެވެ.
މައްސަލަ ހައްލުކުރަން ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެހެން ނަމަވެސް ހަމަ އެކަނި މިދެފަރާތައް އެކަން ހައްލު ނުކުރެވޭނެ ކަމަށް ސަލްމާނު ވިދާޅުވެފައި ވެއެވެ.
"އަޅުގަނޑުމެން ދެ ފަރާތުން ވެސް މިމަސައްކަތް ކުރަނީ މިކަން އެންމެ ރަނގަޅަކަށް ހައްލުކުރަން، އެހެން ނަމަވެސް މިތިބީ އަޅުގަނޑުމެން ދެފަރާތް އެކަންޏެއް ނޫން، ނަޝީދު ވެސް އެބަ ހުންނެވި،" ސަލްމާން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.