18 Feb 2013, 16:01
އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރަންވީ ކަމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުވާލުން ކަމަށް ހިއުމަންރައިޓްސް އެމްބަސެޑަރު އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހައްމައިދީ) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންވާ އިންސާނީ ހައްގުތަކާއި ބެހޭ ސަފީރު، ސަންދާނު އަހައްމައިދީ ވިދާޅުވީ އެމްޑީޕީއަކީ ޢައިރު ގާނޫނީ އަމަލުތައް ހިންގާ ޕާޓީއެއް ކަމަށް ނިންމާ އެ ޕާޓީ އިލެކްޝަން ކޮމިޝަނުން މިހާރު އުވާލަން ޖެހޭނެ ކަމަށެވެ.
"ފުއާދު ތައުފީގު ކުރައްވަން ޖެހޭނެ ކަމަކީ އެމްޑީޕީއަކީ ޣައިރު ގާނޫނީ ޕާޓީއެއް ގޮތުގައި ސިޔާސީ ޕާޓީގެ ދަފުތަރުން ކަނޑުއްވާށޭ. އެއްގޮތަކަށް ވެސް އެއީ އޮވެގެންވާނެ،" އަހައްމައިދީ ވިދާޅުވި އެވެ.
އަހައްމައިދީ ވިދާޅުވީ އެމްޑީޕީން ސިދާ ހަރަކާތައް މަގުމައްޗަށް ނިކުތައް ހަލަބޮލި ކުރުމުގެ އިތުރުން ޢައިރު ގާނޫނީ އެތައް އަމަލެއް ހިންގަމުންދާ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ މަގުތައް މަގުތައް މައްޗަށް ނިކުމެ މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެެ.
އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ޝަރީއަތް އަނބުރާ ގެންގެންދިއުމަށް ގޮވާލުމަކީ ގާނޫނު އަސާސީއާ ހިލާފު ގޮވާލުމެއް ކަމަށާއި އެގޮވުންތައް ގޮވަމުންދާ ޕާޓީއެއް ނުވަތަ ބަޔަކު ޖެހޭނީ "ހިފާހައްޔަރުކުރަން" ކަމަށެވެ.
"[އެމްޑީޕީގެ މުޒާހަރާގައި ގޮވަމުންދަނީ] ތިމަންމެންގެ ރިޔާސީ ކެންޑިޑޭޓޭ. އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކުރެވިގެންނުވާނެ އޭ. ދައުވާ އަނބުރާ ނަގާށޭ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ އެފަދަ މުޒާހަރާ ތަކަކަށް މި ގާނޫނު އަސާސީގެ ހުއްދައެއް ނުކުރޭ. އެއީ މިނިވަން މުވައްސާއަކުންކުރާ ދައުވާއެއް. އެހެންވީމަ އެ މުވައްސާގެ ބާރު ކަނޑުވާލަން އުޅޭކަމުގައިވާނަމަ ދެން އަޅުގަނޑަށް ބުނަން ޖެހޭނީ އެބަޔަކު، އެ ޕާޓީއެއް ޖެހޭނީ ހައްޔަރުކުރާށޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން "އެމްޑީޕީ އާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ހަމަ ނުޖެހުންތައް ހަމައަށް އަޅުވާލެއްވިއްޖެއްޔާ އިންސާފްވެރި އިންތިހާބެއް ބޭއްވިދާނެ،" ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވެފައިވާ ކަމަށް އިޝާރާތްކޮށް ސަންދާނު އަހައްމައިދީ ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ފުއާދު ތައުފީގު ހުންނެވީ "ޒިންމާދާރުކަން ކުޑަވުމުގެ ހައްދު ފަހަނާއަޅާފައިވާ" ކަމަށެވެ.
އެމްޑީޕީން އިސްނަގައިގެން ބާއްވާ މުޒަހަރާތަކުގައި ލިބޭ ހުރިހާ ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން އުފަލަން ޖެހޭނެ ކަމަށް ވެސް އަހައްމައިދީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް ނަޝީދުމައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ނެގުމަށް ގޮވާލާ އެމްޑީޕީން ކުރަމުންދާ މުޒާހަރާ ތެރެއިން އަހައްމައިދީއަށް ވަނީ ބަޔަކު މީހުން ހަމަލާދީފަ އެވެ.