18 Feb 2013, 15:55
ރާއްޖޭގެ "ޓޯޓަލް ފައިނޭންޝަލް އެސެޓް" މަސް ދުވަހުގެ ތެރޭގައި 1.3 މިލިއަން ރުފިޔާއަށް އިތުރުވެ ޖުމުލަ ފައިނޭންޝަލް އެސެޓް 10 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން މަހަކު އެއް ފަހަރު އާންމު ކުރާ ދައުލަތުގެ މާލީ ހާލަތު އަންގައިދޭ ހިސާބުތަކުން ދައްކާ ގޮތުން "ޓޯޓަލް ފޮރިން ކަރަންސީ ފައިނޭންސްޝިއަލް އެސެޓްސް" މަސް ދުވަހުގެ ތެރޭގައި 3.19 މިލިއަން ރުފިޔާ އިތުރުވެ ފައިވީ ނަމަވެސް "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް" ވަނީ 1.8 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން މަހަކު އެއް ފަހަރު އާންމު ކުރާ ދައުލަތުގެ މާލީ ހާލަތު އަންގައިދޭ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31 އާއި ހަމައަށް ދައުލަތުގެ ޓޯޓަލް ފައިނޭންޝަލް އެސެޓްގެ ޖުމްލައަކީ 9.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ މަހުގެ 31 ގެ ނިޔަލަށް ދައުލަތުގެ ޓޯޓަލް ފައިނޭންޝިއަލް އެސެޓް 1.3 މިލިއަން ރުފިޔާ އިތުރުވެ އެ އަދަދު ވަނީ 10 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އެ ހިސާބުތަކުގައި އެމްއެމްއޭ އިން ހިމަނާފައި ހުރި ނޯޓުތަކުގައި ބުނެފައި ވަނީ ދައުލަތުގެ ރިޒާވު މަތިވުމާއި ދަށްވުން ބިނާވެފައި ވަނީ އެމްއެމްއޭގެ ރައުސްމާލުގައި ހިމެނޭ ރަނާއި ބޭރު ފައިސާއާ އަދި ރުފިޔާގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށެވެ. ދައުލަތުގެ ޓޯޓަލް ފައިނޭންޝަލް އެސެޓް އިތުރުވި މައިގަނޑު ސަބަބެއް ކަމަށް ހިސާބުތަކުން ދައްކަނީ ރާއްޖޭގައި ހުންނަ ބޭންކް ތަކަށް ލިބޭ ޗެކްތައް އިތުރުވުމެވެ. އެ ޗެކްތައް ދިވެހި ފައިސާއަށް މާރު ކުރަން ހުށަހަޅަނީ އެމްއެމްއޭއަށެވެ.
އެމްއެމްއޭގެ މާލީ ހާލަތު އަންގައިދޭ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 އާއި ހަމައަށް ދައުލަތުގެ ޓޯޓަލް ފައިނޭންޝިއަލް ލައިބިލިޓީ ނުވަތަ ހަރަދުގެ ޖުމްލައަކީ 6.10 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ މަހުގެ 31 ގެ ނިޔަލަށް ދައުލަތުގެ ޓޯޓަލް ފައިނޭންޝިއަލް ލައިބިލިޓީ ހުރީ ހަތް ބިލިއަން ރުފިޔާގަ އެވެ. އެގޮތުން މަސް ދުވަހުގެ ހަރަދުގެ ޖުމުލަ އަދަދުވަނީ 10.5 މިލިއަން ރުފިޔާއަށް އަރާފައެވެ.
"ޓޯޓަލް ފައިނޭންޝަން އެސެޓް" މަސް ދުވަހުގެ ތެރޭގައި 1.3 މިލިއަން ރުފިޔާއަށް އަރާފައިވާއިރު އެމްއެމްއޭ އިން އެންމެ ފަހުން ނެރެފައިވާ އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފަކުރެވެނީ 4.3 ޕަސެންޓް ކަމަށެވެ. އަދި ބުނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ބަލާ އިރު ދައުލަތަށް މިއަހަރުގެ އާމްމުދަނީ އާއި ހިލޭ އެހީގެގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 12 ބިލިއަން ރުފިޔާ ކަމަށެވެ.