18 Feb 2013, 15:25
ކުލަބް ވެލެންސިޔާގެ މެނޭޖަރަކަށް ކުރީގެ މަޝްހޫރު ވޮލީބޯޅަ ކޯޗް އަދި ވޮލީބޯޅަ ރެފްރީ ކަންވެސް ކޮށްފައިވާ މަޝްހޫރު ފޮޓޮގްރާފަރު އަހްމަދު ޝާފީ (ޑިޖިޓަލް ޝާފީ) ހަމަޖައްސައިފި އެވެ.
ވެލެންސިޔާގެ ކޯޗުކަމަށް ޝާފީ ހަމަޖައްސާފައި މިވަނީ ހުސްވި ޖެނުއަރީމަހުގެ 9 ވަނަ ދުވަހު ކުލަބުގެ މެނޭޖަރުކަމަށް ހަމަޖެއްސި މުހައްމަދު ހާނިމް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވުމަށްޓަކައި ވެލެންސިޔާގެ މެނޭޖަރުކަމުން އިސްތިއުފާ ދެއްވުމުން ނެވެ.
ނަސަންދުރަ ޕެލަސް ހޮޓެލްގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުލަބް ވެލެންސިޔާގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޝާފީއަކީ އެކުލަބް ހިންގަން މިވަގުތު ހުރި އެންމެ ގާބިލް އެއްފަރާތް ކަމަށާއި އޭނާއަކީ ކުލަބުގެ ސަޕޯޓަރެއްގެ އިތުރުން މީގެ ކުރިން ވެލެންސިޔާގެ ވޮލީބޯލް ޓީމްވެސް ހިންގާފައިވާ މެނޭޖަރެއް ކަމަށެވެ.
"މިއީ މިވަގުތު ކުލަބަށް އެންމެ ފައިދާހުރި ގޮތަށް ވާތީ އޭނާ މެނޭޖަރަކަށް ހަމަޖެއްސީ. ޝާފީއާއި ކުލަބުގެ ބޯޑަށް އެބައޮތް އިތުބާރު،" ބައްސާމް ވިދާޅުވި އެވެ.
ކުރިން ވެލެންސިޔާގެ ވޮލީބޯޅަ ޓީމުގެ މެނޭޖަރުކަން ކޮށްފައިވާ ޝާފީ ބުނީ ކުޑައިރުއްސުރެން ސަޕޯޓްކުރަމުން އައި ކުލަބަށް އަނެއްކާވެސް ހިދުމަތްކުރަން ފުރުސަތު ލިބުމުން ވަރަށް އުފާ ކުރާ ކަމަށެވެ. އަދި ފުޓްބޯޅައިން ވޮލީބޯޅަ އަށް އައުމަކީ ބަދަލެއް ނަމަވެސް ދެ ކުޅިވަރުގައި ވެސް މެނޭޖަރެއްގެ މަސްއޫލިއްޔަތަކީ ކުޅުންތެރިން ހޭންޑްލް ކުރުން ކަމަށް ވުމުން މާބޮޑު އުނދަގުލެއް އެކަމުގައި ނޯންނާނެ ކަމަށެވެ.