ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެތެރޭގެ އިންތިޚާބު ތަކުގައި ގޮފި ތަކުން ވަކި ފަރާތަކަށް ތާއީދު ނުކުރެވޭ ގޮތަށް އެ ޕާޓީގެ ކައުންސިލުން ރޭ ނިންމައިފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫން މިއަދު ވިދާޅުވީ ގޮތްޕެއްގެ ހައިސިއްޔަތުން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ކުރުން ނުވަތަ ތާއީދު ކުޑަ ކުރުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ހަތަރު ވަނަ ކައުންސިލް ބައްދަލު ވުމުން ކަމަށެވެ. އޭނާ ވިދާޅުވީ ގޮފި ތަކުގެ މެމްބަރުންނަށް އަމިއްލަ ހައިސިއްޔަތުން އެ މީހަކު ތާއީދު ކުރާ ކެނޑިޑޭޓަކަށް ތައީދު ހޯދަން މަސައްކަތް ކުރެވިދާނެ ކަމަށެވެ.

"ރޭ ކައުންސިލުން ނިންމީ ގޮފީގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް ތާއީދު ނުކުރެވޭ ގޮތަށް. ނަމަވެސް އަމިއްލަ ހައިސިއްޔަތުން އެ މީހަކު ތާއީދު ކުރާ ކެނޑިޑޭޓަކަށް ތާއީދު ހޯދަން މަސައްކަތް ކުރެވިދާނެ. ގޮފި ތަކަކީ ޕާޓީގެ މުއައްސަސާ ތަކެއް. އެހެންވީމަ މުޅި ގޮފީގެ ހައިސިއްޔަތުން މުޅި ގޮފި އެކީގައި ވަކި ބޭފުޅަކަށް ތާއީދު ހޯދަން މަސައްކަތެއް ނުކުރެވޭނެ. މީގެ ތެރޭގައި ޕްރައިމަރީވެސް ހިމެނޭނެ،" ޔުމްނާ ވިދާޅިވި އެވެ.

އޭނާ ވިދާޅުވީ ޕްރައިމަރީގައި ވަކި ބޭފުޅަކަށް ތާއީދު ހޯދަން ގޮފި ތަކުން މަސައްކަތް ނުކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ނިކުމެ ވަޑައިގަންނަވާ ރިޔާސީ ކެނޑިޑޭޓެއްގެ ފަހަތުގައި މުޅި ޕާޓީ އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ހުރިހާ ގޮފި ތަކެއް ހިމެނޭނެ ކަމަށެވެ.