18 Feb 2013, 14:57
ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާށއިމް ކުރެވިފައިވާ ޒުވާނުންގެ މަރުކަޒްތައް ބެލެހެއްޓޭނެ ނުވަތަ މޮނީޓާ ކުރެވޭނެ އެއް ވެސް ނިޒާމެއް ނެތް ކަމަށް ޔޫތް މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޔޫތް މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ މަރުކަޒު ތަކުންދޭ ހިދުމަތް ތަކުގެ ފެންވަރު ރަނގަޅު ކުރެވޭނީ އެތަން ތަނުގެ މޮނިޓަރިންގެ ހިދުމަތްތައް ރަނގަޅު ކުރެވިގެން ކަމަށެވެ.
"އަޅުގަނޑުމެން ޒުވާނުންގެ މަރުކަޒު ތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެތަން ތަނުގެ މޮނިޓަރިންގެ ހިދުމަތް ރަނގަޅު ކުރަން އެބަޖެހޭ. އެތަން ތަނަށް ވަދެ ނިކުމެ އުޅޭ ފަރާތް ތައް ބެލޭނެ އެކަށީގެންވާ ނިޒާމެއް ގާއިމް ކުރަން އެބަ ޖެހޭ. މާލޭގައި ހުރި ގިނަ ޒުވާނުންގެ މަރުކަޒު ތަކުގައި ގާނޫނާއި ހިލާފް އެތައް ކަމެއް އެބަ ހިނގާ. އެތަން ތަނުގައި މަސްތުވާ ތަކެތީގެ ބޭނުން އެބަ ކުރޭ. އެތަން ތަނުގައި ޖުވާ އެބަ ކުޅޭ. މި ނޫން ވެސް ގާނޫނައި ހިލާފް އެތައް ކަންތައްތަކެއް އެބަ ހިނގާ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒުވާނުންގެ މަރުކަޒު ތަކުގެ ސަލާމަތީ ކަންތައްތަކާއި އެތަންތަން ބެލެހެއްޓުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އެތަންތަން ބައްޓަން ކުރެވިފައި ނުވަތަ އިމާރާތް ކޮށްފައިވާ ގޮތް ކަމަށެވެ. އެގޮތުން އެ ތަންންތަން އިމަރާތް ކޮށްފައިވާ ގޮތުން އެތަން ހުންނަނީ ވަރަށް ހާމަކަން ބޮޑު ގޮތަކަށް ކަމަށާއި އޭގެ ސަބަބުން ކޮންމެ މީހަކަށް ވެސް އަދި ކޮންމެ ބަޔަކަށް ވެސް އެތަނަ ވަދެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާލޭގައި ހުރި އެއް ވެސް ޒުވާނުންގެ މަރުކަޒެއްގެ ސެކިއުރިޓީ ކަންތައް ތަކެއް ގާއިން ކުރެވިފަ އެއް ނުހުންނާނެ. އޭގެ ސަބަބުން ކޮންމެ ބަޔަކަށް ވެސް އެތަންތަނަށް ވަދެވޭނެ. ދެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އޮތް އެންމެ ބޮޑު ދައްޗަކީ އެތަންތަން ބައްޓަން ކުރެވިފައިވާ ގޮތް. އެކަުމުގެ ސަބަބުން އެތަން ތަނުގައި ގަނޫނާއި ހިލާފް އެތައް ކަމެއް ހިނގާފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މާލޭގައި ހުންނަ ޒުވާނުންގެ މަރުކަޒު ތަކަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް މައްސަލައަކީ އެތަން ތަނުގައި މިނިސްޓްރީގެ އޮފީސްތައް ގައިމް ކުރެވިފައިވާއިރު އެތަންތަން ވެކި ކުރެވިފައި ނެތުން ކަމަށެވެ. އޭގެ ސަބަބުން ތަނުގައި މަސައްކަތް ކުރާ މުވަޒިފުންނަށް ބައެއް ކަހަލަ ނުރައްކާ ތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޒުވާނުންގެ މަރުކަޒު ތަކުގެ ތަކުގެ ހާލަތާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ވެގެން އައިސް ރައީސް ވަހީދު ސަރުކާރާއި ހަވާލުވިއިރު ޒުވާނުންގެ މަރުކަޒުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އެގޮތުން އެތަން ތަނުގައި ކުޅިވަރު ކުޅުމަށް ބޭނުން ކުރާ ވަރަށް ގިނަ ސާމާންތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ.
އޭގެ އިތުރުން ޒުވާނުންގެ މަރުކަޒު ތަކުގެ ސަލާމަތީ ކަންތައް ތަކުގެ ތެރެއިން އެތަން ތަނުގައި ގާއިމް ކުރަން ޖެހޭ ފަޔާ އެލާމް ނިޒާމް ވެސް ހުރީ މިހާރުގެ ގާނޫނީ އިމުގެ ތެރެއަށް ފެތޭ ގޮތަށް ނޫން ކަމަށް މިނިސްތަރު ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެއްވެސް ޒުވާނުންގެ މަރުކަޒެއްގެ މަރާމާތުކޮށް، ބަލަހައްޓާފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވާ މައްއްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ތަކާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މާލޭގައި ހުންނަ ޔޫތު ސެންޓަރުގެ އިންޑޯ ހޯލް އެއާ ކޮންޑިޝަން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަދި އެތަނުގައި ގާނޫނާއި ގަވާއިދަށް ފެތޭ ފަޔާ އެލާމް ސިސްޓަމް އެއް ވެސް ގާއިމް ކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން ގަލަޅުގައި ހުންނަ ޒުވާނުންގެ މަރުކަޒުގެ ވެސް މަރާމާތު ކޮށް އެތަން ފުލުހުންގެ ބެލުމުގެ ދަށުން ހިންގޭނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޒުވާނުންގެ މަރެކަޒަށް ވަދެ ނިކުމެ އުލޭ މީހުންނާއި އަދި އެތަން ތަނުގައި ހުންނަ ތަކެތި ބޭނުން ކުރާ ފަރާތް ތައް ދެނެގަތުމުގެ ގޮތުން ޒުވާނުންގެ މަރުކަޒު ތަކުގެ މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ކުރިއަށް ތަނުގައި ޒުވާނުންގެ މަރުކަޒު ތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެތަން ތަނުގައި ހުންނަ މިނިސްޓްރީގެ އޮފީސްތައް ވަކި ކުރެވޭނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށެވެ.
ޒުވާނުންގެ މަރުކަޒު ތަކުގައި ހުންނަ ކެފޭ ތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްތަރު ވިދާޅުވީ އެތަންތަނުގައި ހުރި ހުރިހައި ކެފޭ ތަކެއްގެ މުއްދަތުޔު ވެސް ވަނީ ހަމަވެފައި ކަމަށާއި އެހެން ކަމުން އެތަންތަން ހިންގުމަށްޓަކައި ބަޔަކު ހޯދުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.