ރީތިރަށް ރިސޯޓުން ފުރައިގެން މާލެ އައި ލޯންޗަކާއި ތެޔޮ ބާޖެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި މަރުވި ހދ. ކުޅުދުއްފުށީ ޒޭވަރު، ދާއޫދު މުހައްމަދު، 29، އޭނާގެ އުފަން ރަށް ކުޅުދުއްފުށީގައި ވަޅުލައިފި އެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ އެ ޒުވާނާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށާއި އެނާ ވަޅުލުގެ ކަންތައްތައް ކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރި އެ ޒުވާނާ މަރުވެފައި އޮއްވައި ފެނިފައި ވަނީ ލޯންޗާއި ބާޖް ޖެހި އެކްްސިޑެންޓް ހިނގިތާ ދެ ތިން ގަޑިއިރު ފަހުން ލޯންޗުން ދަތުރުކުރި އެކަކު ނެތް ކަން އެނގިގެން ފުލުހުން ހޯދަމުން ގެންދަނިކޮށެވެ. އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދަނިކޮށް އެޒުވާނާ މަރުވެފައި އޮއްވައި ފެނުނީ އެކްސިޑެންޓް ހިނގި ސަރަހައްދު ކަމަށްވާ ރީތިރަށް ރިސޯޓު ކައިރިން ނެވެ.

ރީތި ރަށުގައި މަސައްކަތް ކުރަމުން ދިޔަ އެ ޒުވާނާ މަރުވި އިރު އޭނާގެ އަންހެނުންނާއި ދެކުދިން ދުނިޔޭގައި އެބަ ތިއްބެވެ.