18 Feb 2013, 13:56
ހެލިކަޕްޓަރު ޑީލްގައި ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގަށް އިންޑިއާގެ އޮފިޝަލުންތަކެއް މިހަފުތާގެ ތެރޭގައި އިޓަލީވިލާތައް ދާނެ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފި އެވެ.
އިންޑިއާގެ ރައީސާއި، ބޮޑުވަޒީރު އަދި އެހެނިހެން ވީވީއައިޕީ އިން އުފުލާ އިންޑިއަން އެއާ ފޯސްގެ ހާއްސަ ސްކޮޑަށް ބޭނުންވެގެން ގަންނަން އިއުލާންކުރި 12 ހެލިކަޕްޓަރު ގަތުމުގެ އެއްބަސްވުމުގައި އިޓަލީވިލާތުގެ ފިންމެކޭނިކާއާ އެކު އިންޑިއާ އިން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ.
ހަތްސަތޭކަ ފަންސާސް މިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މިޑީލްގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައި ވަނީ އިޓަލީ އިން ކުރިއަށްދިޔަ ކޮރަޕްޝަންގެ ތަހުގީގެއްގައި، ފިންމެކޭނިކާގެ އޭރުގެ ސީއީއޯ ޖުއިސެއްޕޭ އޯރުސީ ހައްޔަރުކުރުމުންނެވެ.
އޭގެ ފަހުން އިންޑިއާ އިން ވަނީ ފިންމެކޭނިކާ އަށް ދައްކަން ޖެހޭ ޕޭމަންޓުތައް ހިފެހެއްޓުމުގެ އިތުރުން، ފިންމެކޭނިކާއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ މަސައްކަތް ފަށާފަ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން ބުނީ އެމިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ އަރުން ކުމާރު ބާލް މިހަފުތާގެ ތެރޭގައި އިޓަލީއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުންދާ އިންޑިއާގެ ސީބީއައިގެ ތަހުގީގީ ޓީމެއް ވެސް ވަރަށް އަވަހަށް އިޓަލީވިލާތަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ސީބީއައިން ވަނީ ބުނެފަ އެވެ. ސީބީއަ އިން ބުނީ އިޓަލީ ދަތުރުގައި އިންޑިއާ އަށް އޭޑަބްލިޔު - 101 މަރުކާގެ 12 ހެލިކަޕްޓަރު ވިއްކުމަށް ފިންމެކޭނިކާ އިން ވެފައިވާ އެއްބަސްވުމާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ބަލާ ތަހުގީގުކުރުމުގެ މެންޑޭޓް ސީބީއައިގެ ޓީމަށް ލިބިފައިވާ ކަމަށެވެ.
އިޓަލީއިން ފިންމެކޭނިކާގެ އޭރުގެ ސީއީއޯ އޯރުސީ ހައްޔަރުކުރުމަށް ނެރުނު އަމުރުގައި ބުނެފައި ވަނީ އިންޑިއާ އަށް ހެލިކަޕްޓަރު ގަތުމުގެ ޑީލް ފިންމެކޭނިކާގެ ސަބްސިޑައިރީއެއް ކަމަށްވާ އޮގަސްޓާ-ވެސްޓްލޭންޑަށް ކާމިޔާބުކުރުމުގައި ސީއީއޯ އޯރުސީގެ ބެލުމުގެ ދަށުން އިންޑިއާގެ އޮފިޝަލުންތަކަކަށް ރިޝްވަތު ދީފައިވާ ކަމަށެވެ.