ބީބީސީ އިން ވަޒީފާތައް މަދުކުރަން ނިންމުމުން ނޫސްވެރިން ހަޅުތާލު ކުރަން ފެށުމާ އެކު، ބީބީސީގެ ރޭޑިއޯ އަދި ޓީވީ ޕްރޮގްރާމްތައް މެދު ކެނޑިގެންދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ނެޝަނަލް ޔޫނިއަން އޮފް ޖާނަލިސްޓްސް (އެންޔޫޖޭ) އިން ބުނީ ބީބީސީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނިން އޮޕަރޭޓްކުރަމުންދާ ޗެނަލްތަކުން މުވައްޒަފުންގެ އަދަދު މަދުކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ބީބީސީ ސްކޮޓްލޭންޑް، ފައިވް ލައިވް، އޭޝިއަން ނެޓްވޯކް އަދި ބީބީސީ ވޯލްޑް ސާވިސް އިން ބައެއް މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބީބީސީ އިން ބުނީ އެކުންފުނީގެ ޗެނަލްތަކުން ގެންނަ ޕްރޮގްރާމްތައް މެދުކެނޑިގެންދާނެ ކަން ނުވަތަ ނޫން ކަން ލަފާކުރުމަކީ ދަތި ކަމެއް ކަމަށެވެ.

އެންޔޫޖޭގެ ތަރުޖަމާނު މިޝޭލް ސްޓެނިސްޓްރީޓް ވިދާޅުވީ ބީބީސީގައި މަސައްކަތްކުރާ އެންޔޫޖޭގެ ހުރިހާ މުވައްޒަފުން ހަޅުތާލުގައި ބައިވެރިވާނެ ކަމަށާއި ބީބީސީގެ އިސްވެރިން ނިންމަމުންދާ ނިންމުންތަކުގެ ސަބަބުން ގިނަ ނޫސްވެރިންގެ ވަޒީފާތައް ގެއްލި، ރަނގަޅު ފެންވަރެއްގެ ނޫސްވެރިކަމެއް ކުރުމަށް ހުރަސް އެޅިގެންދާ ކަމަށެވެ.

ނޫސްވެރިން ރެއިން ފެށިގެން ހަޅުތާލުކުރަމުންދާ އިރު، ބީބީސީގެ ފަރާތުން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާ ނިންމުމާ މެދު ހިތްހަމަނުޖެހުނު ކަމުގައިވީ ނަމަވެސް، އެއީ ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ.

އެންޔޫޖޭ އިން އެދިފައި ވަނީ ވަޒީފާތައް މަދުކުރަން ނިންމާފައިވާ ނިންމުން ހަ މަސް ދުވަހުގެ މުއްދަތައް މަޑުޖައްސާލުމަށެވެ.

ބީބީސީ އިން 2004 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ 7،000 ވަޒީފާ މަދުކޮށްފައިވާ އިރު، މިއަހަރު ވެސް 2،000 ވަޒީފާ މަދުކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.