10 Oct 2010, 18:44
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ބައްޔަކުން އެމްޑީޕީ ބަލިކޮށްލާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީން ފެށި ސިލްސިލާ އެއްވުންތަކުގެ ފުރަތަމަ އެއްވުމުގައި މިރޭ ވާހާކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަނީ ޑީއާރްޕީގެ ކެންޑިޑޭޓުން އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް އިންތިހާބުގައި ގަދަވާނެތީ ކަމަށާއި ކޮންމެ އިރަކުން އިންތިހާބު ބޭއްވި ކަމުގައި ވިޔަސް ބޮޑު ބައްޔަކުން އެމްޑީޕީ ބަލިކޮށްލައްވާނެ ކަމަށެވެ.
މާލޭ ލޮނުޒިޔާރަތް ކޮޅުގައި އޮތް ޖަލްސާގައި ތަސްމީން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީ، ޑީއާރްޕީގެ އަތްދަށުވާނެތީ ސަރުކާރުން ދަނީ "މަރުފަލި" ޖަހަމުން ކަމަށާއި މުޅި އެ އިންތިހާބު ވެގެންދާނީ ދިވެހި ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެ އިންތިހާބެއް ކަމަށެވެ.
"އެހެންވީމަ މިވަގުތު (އިންތިހާބު) ވާހާ ލަސް ކުރެވޭތޯ ބަލާނެ. އެއް ދުވަހަށް ލަސްކޮށް ލެވުނަސް، ހަފުތާއަކަށް ލަސްކޮށް ލެވުނަސް. ކަނޑުވެފައި ހުންނަ މީހާ ވެސް ހިތްވަރު ކުރާނެ އިތުރަށް ޖަހާލައިގެން ނަމަވެސް ފެން މަތީގައި އިރުކޮޅަކު އޮވެވޭތޯ. އެ އުސޫލު މިއޮތީ. އެބައެނގޭ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވީމާ މި މީހުންނަށް ވަރަށް ބޮޑު ބައްޔެއް ލިބޭނެ ކަން. އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ނެތްކަން ވަރަށް ސާފުކޮށް އެނގިގެންދާނެކަން. އެހެންވީމާ ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ލަސްކުރެވޭތޯ ބަލަނީ،" މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްތައް ގުޅުވައިލުމަށް ވޯޓެއް ނެގުމަކީ ވެސް އިންތިހާބު ލަސްކުރުމަށް ކުރި ކަމެއް ކަމަށާއި އަދިވެސް ކޮންމެވެސް ކަމެއް ކުރިމަތި ކުރުވައި ލަސްކުރަން އުޅެފާނެ ކަމަށެވެ. ނަމަވެސް ތަސްމީން ވިދާޅުވީ ޑީއާރްޕީއަކީ ޓެސްޓު ފިލާވަޅު ހަދަން އުޅޭ، ދަސްކުރާ ބޯޑު ޖަހައިގެން އުޅޭ ޕާޓީއަކަށް ނުވާތީ ރައްޔިތުން ޑީއާރްޕީއަށް ވޯޓު ދޭނެ ކަމަށެވެ.
އިއްޔެ ނިމިގެންދިޔަ ރަށްތައް ގުޅުވައިލުމުގެ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ވެސް ތަސްމީން ވަނީ ވާހަކަފުޅު ދައްކަވާފައި އެވެ. ވިދާޅުވީ އެންމެ ފުރަތަމަ ހީކުރެއްވެވީ އެ ވޯޓު ނަގަނީ ރައްޔިތުންނަށް ފައިދާ ހުރި ކޮންމެވެސް ބޭނުމެއް ހިފޭނެތީ ކަމަށް ކަމަށެވެ.
"މިހެން ހީކޮށްގެން ހުއްޓާ ރައީސް ނަޝީދު ވިދާޅުވެއްޖެ، މި ނަގާ ވޯޓުގެ ސަބަބުން އެއްވެސް ބަޔަކަށް އެއްވެސް ފައިދާއެއް ނުކުރާނެ، ކޮންމެ ގޮތަކަށް ވޯޓު ލިޔަސް ފައިދާއެއް ނުކުރާނޭ." ތަސްމީން ވިދާޅުވި އެވެ. "އަޅުގަނޑަށް ވިސްނުނީ މިބޭފުޅުނަށް ސަރުކާރެއް ހިންގުމުގެ ވައްޓަފާޅި ނެތީއޭ. ކަންކުރަންވީ ގޮތް ނޭނގެނީއޭ. ކޮންމެ ކަމެއް ވެސް އަޖުމަ ބަލަންޖެހެނީ. ކަންކަމުގެ އާޖުފާޖު ނޭނގެނީ،"
އަދި ވިދާޅުވީ އެކަމާ މެދު ދެން އިތުރަށް ވިސްނުމުން އެނގެނީ އެކަމުގެ ބޭނުމަކީ ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރުން ކަމަށެވެ.