ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ތަފާތު އެކިއެކި ކުށްތަކުގައި މިދިޔަ އަހަރު އެކަނި ވެސް 175 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ "ސަން" އަށް މިއަދު ވިދާޅުވީ މިދިޔަ އަހަރު ޑިޕޯޓު ކުރި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަދުއަޚްލާގީ މަސައްލަތަކާއި މަސްތުވާ ތަކެތީގެ މައްސަލަތަކުގެ މީހުން ކަމަށާއި އޭގެ އިތުރުން ހިމެނެނީ ވައްކަމާއި ޓެކުމާއި ފޭރުމުގެ މައްސަލަތަކުގެ މީހުން ކަމަށެވެ. އޭނާ ވިދާޅުވީ ޑީޕޯޓު ކުރި މީހުންގެ ތެރެއިން ބަދުއަޚްލާގީ މައްސަލަތަކުގައި ގިނައީ ތައިލެންޑް މީހުން ކަމަށެވެ. އަދި އޭގެ އިތުރު މައްސަލަތަކުގައި އެންމެ ގިނައީ ބަނގްލަދޭޝްގެ މީހުން ކަމަށެވެ. ނަމަވެސް އެކި ގައުމުތަކުން ޑީޕޯޓު ކުރި މީހުންގެ އަދަދު ވަކިވަކިން ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރުގެ ނިޔަލަށް 175 މީހުން ޑީޕޯޓު ކުރިން. އޭގެ ތެރޭގައި އެންމެ ގިނައީ ބަދްއަޚްލާގީ މައްސަލަތަކުގެ މީހުން. އޭގެ އިތުރުން މަސްތުވާ ތަކެތީގެ މައްސަލަތަކާއި ވައްކަމާއި ޓެކުމާއި ފޭރުމުގެ މައްސަލަތައް ހިމެނޭ." ކޮންޓްރޯލަރު ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެކިއެކި ސަބަބުތަކާ ގުޅިގެން އެ މީހުންގެ ގައުމަށް ދާން އިމިގްރޭޝަންގައި އަމިއްލަ އަށް އެދިގެން މިދިޔަ އަހަރު 3،000 ވަރަކަށް ބިދޭސީން ފޮނުވާލާފައި ވާނެ ކަމަށް އެމިގްރޭޝަނުން ބުންޏެވެ.