ގައުމީ އިންތިޚާބުތަކުގައި ޕީޕީއެމް ތަމްސީލުކުރުމާ ބެހޭ ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވާ މީހުންގެ ތެރެއިން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ހުޅުވާލާފި އެވެ.

ޕިޕީއެމްގެ ފަރާތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ އިންތިޚާބުތަކާ ބެހޭ ކޮމެޓީގެ މެމްބަރު މުހައްމަދު ތޮލާލް ވިދާޅުވީ ޕްރައިމަރީ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ އިންތިޚާބުތަކާ ބެހޭ ކޮމެޓީން ކަމަށާއި އެ ޕާޓީގެ ރެޖިސްޓްރާ ބަލަހައްޓާ ރެޖިސްޓްރީގައި ހިމެނޭ ހުރިހާ މެމްބަރުންނަށް ވެސް ޕްރައިމަރީގައި ވޯޓު ލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ޕްރައިމަރީގައި ވޯޓު ލެވޭނީ ޕާޓީގައި ކިހާ ދުވަހެއް ވެފައިވާ މެމްބަރުންނަށްތޯ ކައުންސިލުން ނިންމުމަށް ފަހު މި ހަފްތާގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށެވެ.

"ރިޔާސީ ޕްރައިމަރީގައި މި ޕާޓީގެ ފަރާތުން ވާދަ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިއަދުން ފެށިގެން މި ވަނީ ފުރުސަތު ހުޅުވާލާފައި. އަޅުގަނޑުމެން އެޕްލިކޭޝަން ދޫކުރުމާއި ބަލައިގަތުން އޮންނާނީ ޕާޓީގެ މައި އޮފީހުން. މިއަދުން ފެށިގެން މި މަހުގެ 28ވާ ބުރާސްފަތި ދުވަހުފެ 3:30ގެ ނިޔަލަށް،" ތޮލާލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރެވެ.