ވޮޝިންޓަން (ފެބްރުއަރީ 18): މެދުތެރޭ އެފްރިކާގެ އިސްލާމީ ގައުމެއް ކަމަށްވާ މާލީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ފަރަންސޭސިވިލާތުން ހިންގަމުންގެންދާ ޢަސްކަރީ އޮޕަރޭޝަންތަކުގައި އިސްރާއީލުގެ ޑްރޯން މަތިންދާބޯޓުތައް ބޭނުންކުރަމުން ގެންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ފަރަންސޭސި ޢަސްކަރީ ދާއިރާތަކާ ޙަވާލާދީ އެމެރިކާގެ "ވޯލްޑް ޓްރިބިޔޮން" ނޫސް ބުނި ގޮތުގައި މާލީގައި ޙަރަކާތްތެރިވާ އަލްޤާޢިދާ އާ ގުޅުންހުރި ކަމަށް ހުޅަނގުން ތުހުމަތުކުރާ ހަނގުރާމަވެރިންނާދެކޮޅަށް ފަރަންސޭސިވިލާތުން ގެންދަނީ އިސްރާއީލުގައި އުފައްދާފައިވާ ޕައިލެޓަކާނުލާއުދުހޭ ޖާސޫސީ މަތިންދާބޯޓުތައް ބޭނުންކުރަމުންނެވެ. އިސްރާއީލުގެ ބޯޓުތައް މާލީގައި ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް މިނޫސް ބުނެ އެވެ.

މިނޫސް ބުނާގޮތުން ފަރަންސޭސި ސިފައިން ވަނީ މާލީގެ އެތައް އެއާޕޯޓެއްގައި އިސްރާއީލުގައި އުފައްދާ "ހާރްފާންގް" މަރުކާގެ ޑްރޯން މަތިންދާބޯޓް ތަކެއް ނެރެފަ އެވެ. އިސްރާއީލަކީ ޕައިލެޓަކާނުލައި އުދުހޭ ޖާސޫސީ މަތިންދާބޯޓުތައް އުފެއްދުމުގައި މަޝްހޫރު ގައުމެކެވެ. ނަމަވެސް އިސްއީލުން މިފަދަ ބޯޓުތައް އުފެއްދުމުގައި ބޭނުންކުރަނީ އެމެރިކާގެ ޓެކްނޮލޮޖީކަމަށް ރިޕޯޓްތައް ބުނެ އެވެ.

މާލީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިން މައިތިރި ކުރުމުގެ ނަމުގައި ފަރަންސޭސިވިލާތުން އެގައުމަށް ޢަސްކަރީގޮތުން ވަދެގެންފައި ވަނީ މާލީ ސަރުކާރުގެ އެދުމުގެ މަތިން މިދިޔަ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ފަރަންސޭސީންގެ ޢަސްކަރީ އޮޕަރޭޝަންތަކުގައި މާލީގެ ޢާންމުގެ އެތަށްބަޔަކު މަރުވެފައިވާ ކަމަށް ޚަބަރުލިބެ އެވެ.