އައިޖީއެމްއެޗް ކައިރީ ހުރި ސައިކަލެއް ވަގަށް ނެގި މީހަކު ދެ އަހަރަށް އަރުވާލަން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ސ. މަރަދޫފޭދޫ ޕާމްސީނަރީ އަހްމަދު އައުސަމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު 9:30 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައި އައިޖީއެމްއެޗް ކައިރީ ޕާކްކޮށްފައި ހުރި ސައިކަލެއް ގެއްލިފައި ވަނިކޮށް އެރޭގެ ވަގުތެއްގައި އެ ސައިކަލް އައުސަމްގެ އަތުން ފެނިފައިވާކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެ ސައިކަލް ލިބުނުގޮތެއް އޭނާއަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެ ސައިކަލް ވަގަށް ނަގާފައި ވަނީ އޭނާ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ ވައްކަމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވާ ދެވަނަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.