18 Feb 2013, 12:32
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އާ ދެކޮޅަށް އެމްޑީޕީ އިން މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި ނޫސްވެރިންނަށް އަމާޒްކޮށްގެން ހަމަލާތައް ދެމުންދާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށް އެފަދަ އަމަލުތައް ކުށްވެރިކޮށްފި އެވެ.
އެމްޖޭއޭ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީ އިން ރޭ ކުރި މުޒާހަރާ ކަވަރުކުރަންއުޅުނު ވީމީޑިއާގެ ކެމަރާމަން ރިލްވާން މޫސާ އަށް ހަމަލާދިން މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ބުނީ އެމްޑީޕީ ވިޔަސް އަދި ކޮންމެ ސިޔާސީ ޕާޓީއެއް ވިޔަސް އެ ޕާޓިއަކުން ހިންގާ ހަރަކާތެއްގެ ފޮޓޯ އާއި މަންޒަރުތަކާއި އަޑުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ނޫސްވެރިންގެ ޒިންމާއަކަށްވާ އިރު ތިމާމެންގެ ފިކުރާ ނުގުޅޭ މީޑިއާތަކަށް ހަމަލާދިނުމަކީ ޑިމޮކުރެޓިކް މުޖުތަމައުއެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީގެ މުޒާހަރާތަކުގެ ތެރޭގައި ނޫސްވެރިންނަށް ދެވޭ އަނިޔާތަކާ ބެހޭ ގޮތުން ޕާޓީގެ ގުނަވަންތަކުން ވިސްނާ ނޫސްވެރިން ރައްކާތެރިކޮށްދެވޭނެ ހުރިހާ ފިޔަވަޅުތަކެއް އަލައިދިނުމަށް މިޖަމިއްޔާ އިން ގޮވާލަމެވެ. އަދި ހަމަ އެހެންމެ ފުލުހުންނާއި ސަލާމަތީ ބާރުތަކުން ވެސް ނޫސްވެރިން ހިމާޔަތްކޮށްދީ ރައްކާތެރި ކޮށްދިނުމަށް ގޮވާލަމެވެ." އެމްޖޭއޭ އިން ބުންޏެވެ.
އަދި ބުނީ ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މާހައުލެއް ގާއިމްކޮށް ދިނުމުގެ ޒިންމާ އޮތީ މޯލްޑިވްސް ބުރޮޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލުން މިހާރަށް ވުރެ ޒިންމާދާރު ދައުރެއް އެފަދަ ކަންކަން ހުއްޓުވުމުގައި އަދާކޮށްގެން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އަދި އެފަދަ ކަންކަމުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަކީ މުހިންނު ކަމެއް ކަމުގައި ދެކޭ ކަމަށް އެމްޖޭއޭ އިން ބުންޏެވެ. އަދި ނޫސްވެރިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އެންމެހާ ފަރާތްތަކަށް އެ ޖަމިއްޔާ އިން ގޮވާލާފައިވާ އިރު ނޫސްވެރިން ވެސް މުޒާހަރާ ކަވަރުކުރަން ނުކުންނަ އިރު ރައްކާތެރިކަމުގެ ހެދުމާއި ނާޒުކު ގުނަވަންތައް ސަލާމަތްވާނެ ފަދަ ވަސީލަތްތައް ބޭނުން ކުރުމަށް އިލްތިމާސް ކުރާކަމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ އެމްޖޭއޭ އިން ބުންޏެވެ.
ނޫސްވެރިންނަށް ދޭ ހަމަލާއާ މެދު އެމްޖޭއޭ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު އެމްޑީޕީ އިން މިހާރު ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގައި ވަނީ ވީޓީވީގެ ދެ ނޫސްވެރިއަކަށް ދެ ރޭގެ މަތިން ހަމަލާދީފަ އެވެ. އަދި އެމްޑީޕީ އިން މުޒާހަރާ ކުރަމުންދާ އިރު ވަކިވަކި މީޑިއާތަކުގެ ނަން ކިޔައި ތަފާތު އިންޒާރުތައް ދިނުމުގެ އިތުރުން ތަފާތު ގޮތްގޮތަށް ދިމާކޮށް ބިރުދައްކާ ހަދަމުންދާކަން ފާހަގަވެ އެވެ.