18 Feb 2013, 12:32
ނައިޖީރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑައުޑާ ޑަންލާޑީ އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް މިއަދު އަރުއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުއްވުމަށްފަހު ނައިޖީރިއާގެ އާ ސަފީރު ރައީސާ ބައްދަލުކުރެއްވުމުން ރައީސް ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ނައިޖީރިއާއާ ދެމެދު އޮތް ގުޅުމާއި އެގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި ވިޔަފާރިއާއި އިމާރާތް ކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ނައިޖީރިއާ އަކީ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުން އަންނަ ގައުމެކެވެ.