18 Feb 2013, 12:17
ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (ވީސީޑީއާރު) އަކީ ދޭދޭ ގައުމުތަކުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާ ގުޅޭ ފްރޭމްވޯކް މުއާހަދާއެކެވެ. އަށާރަ އޭޕްރީލް 1961ގައި ސޮއިކުރި މި މުއާހަދާގެ ސަބަބުން ޑިޕްލޮމެޓިކް މިޝަންތަކާއި އެ މިޝަންތަކުގެ މުއައްޒަފުންނަށް ލިބިގެންދާ އިމިއުނިޓީ ބަޔާން ކުރެވިގެން ދިޔަ އެވެ.
ކަމާ ބެހޭ މާހިރު ވިދާޅުވާ ގޮތުގައި، ވީސީޑީއާރަކީ ޒަމާނީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ބިންގަލެވެ.
ދުނިޔޭގެ 187 ގައުމަކުން މިމުއާހަދާގައި ސޮއިކޮށް، މުއާހަދާ ތަސްދީގުކޮށްފައިވާ އިރު، ދިވެހިރާއްޖެ އަކީ ވެސް މި މުއަހާދާ ތަސްދީގުކޮށްފައިވާ ގައުމެކެވެ.
ފަންސާސް ތިން މާއްދާއެއްގެ މައްޗަށް ބިނާ ވެފައިވާ ވިއެނާ ކޮންވެންޝަންގެ އެންމެ މުހިއްމު ނުކުތާތަކަށް ބަލާ އިރު، ފާހަގަކޮށް ލެވޭ ގިނަ މާއްދާތަކެއް ހިމެނެ އެވެ.
އެހެންނަމަވެސް މި ވަގުތު ރާއްޖޭގައި ދިމާވެފައިވާ މައްސަލަ އަށް ބަލާ އިރު އެ މައްސަލައާ ގުޅުން ހުރި ބައެއް ނުކުތާތަކަށް މި ލިޔުމުގައި އަލި އަޅުވާލެވޭތޯ ބަލާނަމެވެ.
އެންމެ ފުރަތަމަ ބަލާލާނީ ވީސީޑީއާރުގެ 22 ވަނަ މާއްދާއަށެވެ.
ބާވީސް ވަނަ މާއްދާއަކީ ގައުމެއްގައި ހުންނަ އެހެން ގައުމެއްގެ އެމްބަސީ ނުވަތަ ހައި ކޮމިޝަން ހުންނަ އިމާރާތް ނުވަތަ ބިމާ ބެހޭ މާއްދާއެކެވެ. މާއްދާގައި ބުނެފައި ވަނީ ގައުމެއްގެ އެމްބަސީ ނުވަތަ ހައި ކޮމިޝަން ހުންނަ އިމާރާތާއި، ބިމަށް، އެމްބަސީ ހުންނަ ގައުމުގެ އެއްވެސް ފަރާތަކަށް ވަދެވޭނީ އެމްބަސީގެ ހެޑް އޮފް މިޝަންގެ ހުއްދައާ އެކުގައި ކަމަށެވެ.
މީގެ އިތުރުން އެމްބަސީ އަށް ލިބިދާނެ ގެއްލުމަކުން، އެމްބަސީ ހުންނަ ގައުމުން އެ އެމްބަސީ ހިމާޔަތްކޮށް ދޭން ޖެހޭނެ ކަމަށާއި އެމްބަސީ ހުންނަ ގައުމުން، އެމްބަސީއެއް ބަލައި ފާސްކޮށް، އެތާނގައިވާ މުދާ ނުވަތަ ލިޔެކިޔުން ހިފަހައްޓައިގެން ނުވާނެ ކަމަށް ވެސް ވީސީޑީއާރުގެ 22 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިންޑިއަން ހައި ކޮމިޝަންގެ އިމާރާތަށް ވަދެވަޑައިގެންނެވުމުން، ކޯޓު އަމުރާ އެއްގޮތަށް ފުލުހުންނަށް އެމަނިކުފާނު ހައްޔަރުނުކުރެއްވުނީ މިމާއްދާގެ ދަށުން އިންޑިއަން ހައި ކޮމިޝަން ހުރި ބިމާއި އިމާރާތަކީ ހުރުމަތްތެރިވެގެންވާ ތަނަކަށް ވުމުންނެވެ.
ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ނުވަތަ ދިވެހި ސަރުކާރުގެ އެއްވެސް "އެޖެންޓަކަށް" އިންޑިއަން ހައި ކޮމިޝަނަށް ވަދެވޭނީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓިކް މިޝަންގެ ވެރިޔާގެ ހުއްދައާ އެކުގަ އެވެ.
ވިއެނާ ކޮންވެންޝަނަކީ ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ސަލާމަތާއި މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މުއާހަދާއެކެވެ. ނަމަވެސް އެ މުއާހަދާގެ މަގުސަދަކީ ޖިނާއީ ތުހުމަތު ކުރެވޭ ފަރާތްތައް ހިމާޔަތް ކުރުމެއް ނޫނެވެ.