ރީތިރަށް ރިސޯޓުން ފުރައިގެން މާލެ އައި ލޯންޗަކާއި ތެޔޮ ބާޖެއް ޖެހި އެކްސިޑެންޓް ވީ އެ ލޯންޗްގެ ކެޕްޓަން ނިދާފައި އިންދާ ކަމަށް އިތުބާރު ހުރި ގޮތަކަށް ސަންއަށް މައުލޫމާތު ލިބިއްޖެ އެވެ.

ސަންއާ ވާހަކަ ދެއްކި ފަރާތުން މައުލޫމާތު ދިން ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެ ލޯންޗްގެ ކެޕްޓަނަށް ބާޖު ފެނިފައިވަނީ ލޯންޗާ ބާޖު ވަރަށް ކައިރިވެފައިވަނިކޮށް ކަމަށާއި އެ ވަގުތު އެ ލޯންޗު ބާޖުން ކަޓުވާލަން މާބޮޑު ކަންތައްތަކެއް އޭނާއަށް ކުރެވޭކަށް ނެތް ކަމަށެވެ.

" ލޯން އެކްސިޑެންޓްވީ ކެޕްޓަން ނިދާފައި އިނުމުން، ފުދޭވަރަކަށް ބާރަށް ލޯންޗް ދުއްވަމުން ދަނިކޮށް ކުއްލިއަކަށް ބާޖް އަންނަތަން ލޯންޗަށް ފެނުނީ،" އެމީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އެހާދިސާއާ ގުޅިގެން މީހަކު ފުލުހުންގެ ތަހުގީގަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި މިހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލޯންޗްގެ ކެޕްޓަނެވެ. މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނުއިރު ހަތް މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފަ އެވެ.