10 Oct 2010, 15:12
އިދާރީ ގޮތުން ރަށްތައް ގުޅާލުމުގައި ރައްޔިތުންގެ ރުހުން އޮތްގޮތް ބެލުމަށް ސަރުކާރުން ނެގި ވޯޓުގެ 62 އިންސައްތަ މީހުން ރަށްތައް އެއްކޮށްލަން ނުފެންނަ ކަމަށް ވޯޓްގެ ދާއިމީ ނަތީޖާ އިން ދައްކާ ކަމަށް އިލެކްޝަންސް އިން ބުނެފި އެވެ.
އެއްކޮށްލަން ފެންނަ ކަމަށް ތާއީދުކޮށްފައި ވަނީ 31 ޕަސެންޓް މީހުންނެވެ. ބާކީ ޕަސެންޓޭޖަކީ ބާތިލު ވޯޓެވެ.
އިލްކްޝަންސް ކޮމިޝަނުން މިރޭ ހާމަ ކުރި ދާއިމީ ނަތީޖާ ދައްކާ ގޮތުގައި 88882 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުމަށް ބައިވެރިވެފައި ވަނީ 26،676 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 30 ޕަސެންޓް މީހުންނެވެ. އޭގެ ތެރެއިން، ސަރުކާރުން ހުށަހެޅި ގޮތަށް އިދާރީ ގޮތުން އެއްކޮށްލުމަށް ފެންނަކަމަށް ބުނެފައި ވަނީ 8،402 މީހުންނެވެ.
105 ރަށަކުން ވޯޓުގައި ބައިވެރިވެފައިވާ އިރު، ފެންނަކަމަށް ބުނެފައި ވަނީ 19 ރަށަކުންނެވެ. އަދި ނުފެންނަ ކަމަށް ބުނެފައި ވަނީ 85 ރަށަކުންނެވެ. ލ. ހިތަދޫން ފެންނަ ކަމަށް ވެސް އަދި ނުފެންނަކަމަށް ވެސް ބުނެފައި ވަނީ، 215 މީހުންނެވެ.
ދިހަ ހާސް މީހުންގެ އާބާދީ އަކަށް ނިސްބަތްކޮށް ސަރުކާރުން ސިޓީ ކައުންސިލް ހަދަން ފެނޭތޯ ބެލި، ކުޅުދުއްފުއްޓާއި އައްޑު އަތޮޅު ހިތަދޫގައި ސިޓީ ކައުންސިލް ހެދުމަށް އެ ދެ ޒޯންގައި ވޯޓްލީ މީހުން އެއްބަސަވެފައެއް ނުވެ އެވެ.