އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޗެލްސީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗް ހަތަރެއް ސުމަކުން ކާމިޔާބުކޮށް މުބާރާތުގެ ފަސް ވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފި އެވެ.

އެފްއޭކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން ސްޓެމްފޮޑް ބްރިޖްގައި ރޭކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް މެހެމާނުންގެ ގޯލް ހުޅުވާލެވޭ ގޮތެއް ނުވި އެވެ. ޗެލްސީއަށް ބްރެންޓްފޯޑްގެ ގޯލް ހުޅުވާލަދިނީ ދެވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 54 ވަނަ މިނިޓުގައި ހުއާން މާޓާ ދުރުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ނެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ 68 ވަނަ މިނިޓުގައި ޗެލްސީގެ ބްރެޒީލިއަން މިޑްފީލްޑަރު އޮސްކާ ވަނީ ބްރެންޓްފޯޑްގެ ގޯލްއޭރިޔާތެރެއިން އެޓީމުގެ ގޯލަށް ބޯޅައެއް ވައްދާލައި ޗެލްސީގެ ލީޑު ފުޅާކޮށްދީފަ އެވެ.

ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 71 ވަނަ މިނިޓުގައި އޮސްކާ ތަނަވަސް ކޮށްދިން ފުރުސަތަކުން ފްރޭންކް ލަމްޕާޑް އެވެ. ލަމްޕާޑުގެ އެލަނޑާއެކު 26 ގޯލް ކާމިޔާބުކޮށް އޭނާ ވެގެން ގޮސްފައިވަނީ އެފްއޭކަޕްގައި ޗެލްސީއަށް މިހާތަނަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އަށެވެ. ކުރިން އެ ރޮކޯޑް އޮންނަނީ ބޮބީ ޓެމްބްލިން އަތުގަ އެވެ. އަދި ހަމަ އެއާ އެކު ލަމްޕާޑު މިހާތަނަށް ޗެލްސީއަށް ކާމިޔާބުކޮށް ދިން ގޯލްތަކުގެ އަދަދު ވަނީ 199 އަށް އަރާފަ އެވެ.

ޗެލްސީއަށް މެޗު ސީލްކޮށްދިނީ އޮސްކާ ނަގައިދިން ރީތި ހުރަހެއް ބްރެންޓްފޯޑްގެ ގޯލް ތެރެއަށް ބޮލުންޖަހައި ބޯޅަ ވައްދާ ކެޕްޓަން ޖޯންޓެރީ އެވެ.

ރޭގެ މެޗުން މޮޅުވުމުން މުބާރާތުގެ ފަސް ވަނަ ބުރުގައި ޗެލްސީ ބައްދަލު ކުރަން ޖެހޭނީ މިޑްލްސްބަރާއާ އެވެ. އެގޮތުން އެޓީމު ރިވަސައިޑް ސްޓޭޑިއަމް އަށް ޒިޔާރަތް ކުރާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ހުސްވި މަހުގެ 27 ވަނަ ދުވަހު ބްރެންޓްފޯޑްގެ ދަނޑުގައި ޗެލްސީ ކުޅުނު މެޗު ނިމުނީ 2-2 ން ދެޓީމު އެއްވަރު ވެގެންނެވެ.