މެންޗެސްޓާ ސިޓީގެ ފޯވާޑުންގެ ފަރާތުން ގިނަ ގޯލްތަކެއް ބޭނުންވާ ކަމަށް އެކްލަބުގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

އެފްއޭ ކަޕްގައި ރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ ވަނީ ފަސޭހަ ކަމާއެކު 4-0 ލަނޑުން މޮޅުވެފަ އެވެ. މިމެޗުގެ ފަސްވަނަ މިނެޓްގައި ސިޓީއަށް ޔާޔާ ޓޫރޭ ލީޑް ހޯދައިދިން އިރު، މެޗުގެ ފަނަރަވަނަ މިނެޓްގައި ސިޓީއަށް ލިބުނު ޕެނަލްޓީއަކުން ލީޑް ފުޅާކޮށްދިނީ ސާޖިއޯ އަގުއެރޯ އެވެ. މެޗުގެ 52 ވަނަ މިނެޓްގައި ސިޓީގެ ތިން ވަނަ ލަނޑު ކާލޮސް ޓެވޭޒް ކާމިޔާބުކޮށްދިން އިރު، ސިޓީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން އަގުއެރޯ އެވެ.

ރޭގެ މެޗުގައި ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް ދެއްކި މޮޅު ކުޅުމަށް މަންޗިނީ ވަނީ ތަޢުރީފް ކޮށްފަ އެވެ.

"ޓެވޭޒް އަކީ އަހަރެމެންނަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާ ރަނގަޅު ފޯމެއްގައި ނެތަސް އޭނާގެ މުހިންމުކަން ވަރަށް ބޮޑު. ލީޑްސް އާއި ދެކޮޅަށް ފެނުނު ގޮތަށް އަހަރެމެންގެ ފޯވާޑުންގެ ފަރާތުން ބޭނުންވަނީ ގިނަ ގޯލްތަކެއް،" މަންޗިނީ ބުންޏެވެ.

އެފްއޭ ކަޕްގެ 2011 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ސިޓީ އިން އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ވެސް މަންޗިނީ ބުނެފައި ވެއެވެ.

"މިމެޗުން މޮޅުވުމަކީ އަހަރެމެންނަށް ވަރަށް މުހިންމު ކަމެއް. ފުރަތަމަ ވިހި މިނެޓްތެރޭ ދެގޯލް ކާމިޔާބު ކުރެވިއްޖެ ނަމަ، ކަންތައްތައް ފަސޭހަ ވެގެންދާނެ. ނަމަވެސް އެފްއޭ ކަޕަކީ އުނދަގޫ މުބާރާތެއް. އާސެނަލް ވަނީ ބްލެކްބާން އަތުން ބަލިވެފަ. އެވަޓަން ވަނީ އޮލްދަމް އަތުން އެއްވަރުވެފަ. އަދި ޕްރެމިއާ ލީގުގެ ގިނަ ޓީމްތަކެއް ވަނީ މުބާރާތާއި އަލްވަދާޢު ކިޔާފައި. އެހެންކަމުން އަހަރެމެން އިތުރަށް ސަމާލުވާން ޖެހޭނެ،" މަންޗިނީ ބުންޏެވެ.

ޕްރެމިއާ ލީގުގެ ދެވަނާގައި އޮތް ސިޓީ ދެން ނުކުންނަން ޖެހޭނީ ތިންވަނާގައި އޮތް ޗެލްސީ އާއި ދެކޮޅަށެވެ. ސިޓީގެ އަމިއްލަ ދަނޑުގައި މިމެޗު ކުޅޭނީ މިމެހު 24 ވަނަ ދުވަހު 18:30 ގައެވެ.