18 Feb 2013, 10:45
މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތިން ވަނަ ޑިވިޒަންގައި އިއްޔެ ކުޅުނު މެޗް އެލްކިއު ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
މާލޭ ކުޅިވަރު އެކުވެނީ އިންޑޯ ބާސްކެޓް ކޯޓްގައި އިއްޔެ ހަވީރު ކުޅުނު މެޗް އެލް ކިއު ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ ޓީރެކްސް ސްޕޯޓްސް އެކަޑަމީއާ ވާދަކޮށް 81 ޕޮއިންޓު 28 ޕޮއިންޓުންނެވެ.
އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެލް ކިއު ސްޕޯޓްސް ކުލަބުގެ މުހައްމަދު އިމްތިނާންނެވެ.
ހަތަރު ޓީމު ބައިވެރިވި މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. އެގޮތުން އެ ހަތަރު ޓީމުގެ މެދުގައި އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކާއި ދެވަނަ އަށް ދާ ޓީމެއް ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެވެ. އަދި ތިންވަނަ ޓީމާއި ހަތަރު ވަނަ ޓީމު ދެވަނަ ސެމީގައި ވާދަކުރާނީ އެވެ. އެ ގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުން މޮޅުވާ ޓީމު ފައިނަލަށްދާ އިރު ބަލިވާ ޓީމު ސެމީފައިނަލްގެ ތިންވަނަ މެޗުގައި ވާދަކުރާން ޖެހޭނީ ދެވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ.
ޑި ބާސްކެޓްބޯލް ކްލަބާއި ވިޔަންސާގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ޓީރެކްސް ސްޕޯޓްސް އެކަޑަމީއާއި އެލްކިއު ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަދުވަހު އެވެ.
މުބާރާތުގައި މިއަދު ހަވީރު 4:30 ގައި ބައްދަލުކުރާ ދެޓީމަކީ ވިޔަންސާ އާއި އެލްކިއު ސްޕޯޓްސް ކުލަބެވެ.