ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އަތުން 2-0 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ. މިއީ ރެއާލްގެ އަމިއްލަ ދަނޑުގައި ވިދިވިދިގެން އެ ޓީމް މޮޅުވި ހަތަރު ވަނަ މެޗެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ރެއާލްއިންނެވެ. އެލަނޑު ފުރަތަމަ ހާފުގެ ތިން ވަނަ މިނެޓުގައި ރެއާލް އަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. ވަޔެކާނޯގެ މައްޗަށް ރެއާލްއިން ރޭ ލީޑް ފުޅާކޮށްދިން ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އެވެ.

ރެއާލްގެ ދެ ވަނަ ލަނޑު ރާމޯސް ޖެހިތާ ހަ މިނެޓު ފަހުން ރެފްރީ ވަނީ އޭނަ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެހެން ކަމުން މެޗުގެ ބާކީ ބައި ރެއާލްއިން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.

ރޭގެ މެޗަށްފަހު ރެއާލްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ، ވެޔެކާނޯއާ ދެކޮޅަށް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި ގިނަ ލަނޑުތަކެއް ކާމިޔާބު ކުރުމަށް ވެސް ރޭގެ މެޗުގައި ފުރުސަތު ލިބުން ކަމަށެވެ. އަދި ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ނުލައި ރޭގެ މެޗުން މޮޅުވެ ތާވަލްގެ ތިން ވަނައަށް ޖެހިލުމުން ޓީމަށް އިތުރު ހިތް ވަރެއް ލިބިއްޖެ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗުގައި ނުކުޅެ ހުރި ރެއާލްގެ ކުޅުންތެރިންނަކީ ކަރިމް ބެންޒެމާ އާއި ސަސްޕެންސަންގައި ހުރި އެ ޓީމުގެ ފޯވާޑް ގޮންޒާލޯ ހިގައިނެވެ.

ރޭގެ މޮޅާއެކު ރެއާލް އޮތީ 49 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. އަދި ތާވަލްގެ އެއް ވަނަ މަގާމްގައި 65 ޕޮއިންޓާއެކު ބާސެލޯނާ އޮތް އިރު، ދެ ވަނައިގައި އޮތީ 53 ޕޮއިންޓާ އެކު ރޭ ރެއާލް ވަލަޑޮލިޑް އަތުން 3-0 ލަނޑުން މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ.