18 Feb 2013, 10:23
ސިޔާސީ ޕާޓީގެ މެންބަރުންގެ އަދަދުން ޕީޕީއެމްގެ މައްޗަށް ކުރި ހޯދައި، ދެ ވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި ޑީއާރްޕީ އަނެއްކާ ވެސް ހޮވިއްޖެ އެވެ.
މެންބަރުންގެ އަދަދުން ޕީޕީއެމްގެ މައްޗަށް ޑީއާރްޕީ ކުރި ހޯދީ އެންމެ 64 މެންބަރުންގެ ތަފާތުންނެވެ އެވެ. ފާއިތުވި މަސްތަކުގައި ޑީއާރްޕީގެ މެންބަރުންގެ އަދަދު އިތުރު ކުރަމުންގޮސް އެ ޕާޓީގައި މިހާރު ތިބީ 22،687 މެންބަރުންނެވެ. ނަމަވެސް މި މަހުގެ ތެރޭގައި 170 މެންބަރުން ވަކިވެ، އިއްޔެއާ ހަމަޔަށް ޕީޕީއެމްގައި ތިބީ 22،623 މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުން ދައްކާގޮތުން ވާދަވެރި ދެ ޕާޓީގެ ތެރެއިން އިއްޔެއާ ހަމަޔަށް އެންމެ ގިނަ ފޯމް ހުށަހަޅާފައި ވަނީ ޕީޕީއެމްއިންނެވެ. އެ ޕާޓީން 1046 ފޯމް ހުށަހަޅާފައިވާ އިރު، ޑީއާރްޕީން ހުށަހަޅާފައި ވަނީ 611 ފޯމެވެ.
މިމަހުގެ ތެރޭގައި އެންމެ ގިނައިން މެންބަރުން ވަކިވެފައި ވަނީ އެމްޑީޕީން ކަމަށް އިލެކްޝަންސްގެ ތަފާސްހިސާބުން ދައްކަ އެވެ. އިއްޔެއާ ހަމަޔަށް، އެ ޕާޓީން މި މަހުގެ ތެރޭގައި އެކަނި ވެސް 237 މެންބަރުންވަކިވެފައިވެ އެވެ.
މިމަހުގެ ތެރޭގައި އެންމެ ގިނައިން މެންބަރުންގެ އަދަދު އިތުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީ، ގައުމީ އިއްތިހާދަށެވެ. އެ މަނިކުފާނުގެ ޕާޓީ އަށް މި މަހުގެ ތެރޭގައި 372 މެންބަރުން އިތުރުވެފައިވެ އެވެ. އެ ޕާޓީން ދަފްތަރުގައި ރަޖިސްޓްރީނުކޮށް 1321 މެންބަރުންގެ ފޯމް އިލެކްޝަންސްގައި އެބަހުއްޓެވެ.
ރާއްޖޭގެ ސޯޅަ ސިޔާސީ ޕާޓީތަކުގެ ތެރެއިން މެންބަރުންގެ އަދަދު އިތުރު ކުރުމަށް އެންމެ ގިނައިން ފޯމް އިލެކްޝަންސްއަށް ހުށަހަޅާފައި ވަނީ އަދާލަތު ޕާޓީއިން ނެވެ. އެ ޕާޓީން 2600 ފޯމް އިލެކްޝަނަށް ހުށަހަޅާފައި އެބަހުއްޓެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ބިލްގެ 11 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ސިޔާސީ ޕާޓިއެއް ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 10،000 މީހުންގެ ސޮޔާއި ނަމާއި އިނގިލީގެ ނިޝާނަށް ހުށަހަޅައިގެންނެވެ. އަދި ބިލް ތަސްގީކު ކުރުމަށް ފަހު 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް މެންބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދެވޭނެ ކަމަށް ބިލުގައި ބުނެ އެވެ. ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދަށް މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް އެ ބިލުގައި ބުނެ އެވެ.