18 Feb 2013, 09:49
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި މައްސަލައި ހައްލު ކުރުމަކީ އިންޑިއާގެ ކަމެއް ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫސް އެޖެންސީއެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އަށް އިއްޔެ ހެނދުނު ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލު ވިދާޅުވި ކަމަށް އެ އެޖެންސީން ބުނީ ނަޝީދުއާ މުއާމަލާތް ކުރުމަކީ އިންޑިއާގެ ކަމެއް ކަމަށާއި އެ މައްސަލައިގެ ތެރެއަށް ރާއްޖޭން ނުވަންނާނެ ކަމަށެވެ.
ޖަމީލު މިހެން ވިދާޅުވީ "ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނުން ހިޔާވަހިކަން ހޯއްދަވައިގެން ހުންނަވާތާ މިހާރު ހަތަރު ދުވަސްވީ، މިކަމުގައި ދެން ވާނީ ކިހިނެތްތޯ" މި ސުވާލު، ޓައިމްސް އޮފް އިންޑިއާ އިން ކުރުމުން ކަމަށް އެ އެޖެންސީން ބުންޏެވެ.
"ނަޝީދުގެ މައްސަލަ އިންޑިއާ އަށް ދޫކުރައްވާ އިރު މިކަމުގައި އިންޑިއާ އިން ނެގޯޝިއޭޓްކުރިޔަ ދެއްވާނަންތޯ" ސުވާލު ކުރުމުން ޖަމީލު ވިދާޅުވެފައި ވަނީ "ނަޝީދުއާ މެދު ގޮތެއް ނިންމުމަކީ އިންޑިއާގެ ކަމެއް ކަމަށާއި ނަޝީދުއާ ދެކޮޅަށް އުފުލިފައިވާ ދައުވާގެ ކަންތައްތައް ރާއްޖޭގެ ޝަރުއީ ނިޒާމުން ކުރިއަށް ގެންދާނެ، ވެރިކަން ކުރާ ބާރުގެ ހައިސިއްޔަތުން އެކަމުގައި އަޅުގަނޑުމެން ނެގޯޝިއޭޓްކުރަން ޖެހޭ (ވާހަކަ ދައްކައިގެން ހައްލުކުރަން ޖެހޭ) ކަމެއް ނެތް" ކަމަށެވެ.
"ހައިކޮމިޝަނުން ނުކުމެވަޑައިގެންފި ނަމަ ހައްޔަރުކޮށް، އިންތިހާބުގައި ވާދަކުރުމުން މަހުރޫމް ކުރުވަފާނެ ކަމަށް ނަޝީދު ބިރުފުޅުގެންވަޑައިގަންނަވާ، އެމަނިކުފާނު ނުކުމެވަޑައިގަތަސް ހައްޔަރު ނުކުރާނެކަން ކަށަވަރު ކޮށްދެއްވަފާނަންތޯ" ޓައިމްސް އިން ދެންނެވުމުން ޖަމީލު ވިދާޅުވި ކަމަށް ވަނީ "ގާނޫނާ ހިލާފަށް ހައްޔަރު ނުކުރާނެކަން ކަށަވަރުކޮށްދެން" ކަމަށެވެ.
"ނަޝީދުގެ ސަރުކާރުން ހައްޔަރުކުރި ފަނޑިޔާރު އަބްދުﷲ މުހައްމަދަކީ ކޮރަޕްޓް ފަނޑިޔާރެއްް.." ޓައިމްސް އޮފް އިންޑިއާ އިން މިހެން ދެންނެވުމުން ޖަމީލު ވިދާޅުވެފައި ވަނީ "ފަނޑިޔާރުން ކޮރަޕްޓް ކަމަށް މުޅި ދުނިޔޭގައި ވެސް ތުހުމަތު ކުރޭ، ކޮބައިތޯ އާ ކަމަކީ؟ ފަނޑިޔާރާ ދެކޮޅަށް ކުރި މިތުހުމަތުތައް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ބަލާފައި، އަދި އެއިން އެއްވެސް ކަމެއް ނުފެނުން،"ކަމަށެވެ.
"އިންޑިއާ ރާއްޖެއާ ދެމެދު ބަދަލުކުރެވުނު ބަސްތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރެއް ކުރިތޯ؟" ސުވާލު ދެންނެވުމުން ޖަމީލު ވިދާޅުވެފައި ވަނީ ދެ ފަރާތުގެ ވެސް ވަކިވަކި ފަރުދުން ކޮންމެވެސް އެއްޗެއް ބުނެފާނެ، ނަމަވެސް މިއީ ދިވެހިރާއްޖެ އިން އިންޑިއާ އާ އެކު އޮންނަ ތެދުވެރި ގުޅުމަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން، ބައެއް ހާލަތްތަކަކީ އައިސްފައިދާ ކަންތައްތައް، މިއީ އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ގުޅުންތަކަށް އަސަރުކުރާ ވަރަށް ވުރެ މާ އާދައިގެ މައްސަލައެއް" ކަމަށެވެ.
ރައީސް ނަޝީދުގެ މައްސަލައިގާ ދިވެހި ސަރުކާރުން ކުރާނެ އެއްވެސް ކަމެއް ނެތްކަމާއި އެކަމަކީ ނަޝީދުއާ އިންޑިއާއާ އަދި ނަޝީދުއާ ޝަރުއީ ނިޒާމާ ދެމެދު އޮތް މައްސަލައެއް ކަމަށް ވިދާޅުވެ، ޑރ. ޖަމީލު އިއްޔެ ހެނދުނު ވާހަކަފުޅު ދައްކަވާފައި ވަނިކޮށް، އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގެ ހައިކޮމިޝަނަރު ޑީއެމް މުލޭ އެ މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ. އަދި ނަޝީދުގެ މައްސަލައިގާ ދިވެހި ސަރުކާރު ނުރުހިފައި އޮތް ކަމުގެ މެސެޖެއް މުލޭ މެދުވެރިކޮށް އިންޑިއާ ސަރުކާރަށް ރައްދު ވެސްކޮށްފަ އެވެ.
ގައުމެއްގައި ހުންނަވާ އަނެއް ގައުމުގެ ސަފީރު ހާޒިރު ކުރުމަކީ ޑިޕްލޮމެޓިކް އުސޫލުން ބަލާއިރު ހަރުކަށި އަމަލެކެވެ. އަދި އެއީ ގާތްގުޅުމެއް އޮންނަ ދެގައުމެއްގެ ދެމެދުގައި ހިނގާ ކަމެއް ވެސް ނޫނެވެ.